21 Feb 2012, 13:36
އެންމެ ފަހުގެ ޔޫރަޕް އަދި ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަކީ ކުރިއަށް އަރަން ހުރި ޓީމުތަކަށް ރަނގަޅު މިސާލެއް ކަމުގައި ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ބުނެފި އެވެ.
ޕެލޭ ވަނީ ބާސާގެ ކުޅުމާއި ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތައް ކަމަށްވާ ބެންފީކާ، އަޔެކްސް، އޭސީ މިލާން އަދި ރެއާލް މެޑްރިޑްގެ ކުޅުމާއި އަޅާ ކިޔާފަ އެވެ. ޕެލޭ ދެކޭ ގޮތުގައި ބާސާ އަށް މޮޅު ކުޅުމެއް ދެއްކެނީ ގިނަ ދުވަސްތަކަކު އެކުގައި ކުޅެމުން އައި މޮޅު ކުޅުންތެރިންގެ ސްކޮޑެއް އޮތީމަ ކަމުގަ އެވެ.
"ބާސާ އަކީ ކުރިއަށް އަރަން ހުރި ޓީމުތަކަށް ރަނގަޅު މިސާލެއް. ބާސެލޯނާގެ އެއް މިސާލަކީ ޖަރުމަން. އެމީހުންނަކީ ޓެކްނިކަލް ކުޅުމަކަށް ލޯބިކުރާ ބައެއް. އަހަރެމެން ބޭނުން ވަނީ ކުޅުންތެރިންގެ ބަދަލުގައި ބޯޅަ ދިމަދިމާ އަށް ދިއުން. ބާސާ އެކުޅެނީ އަހަރެންގެ ޒަމާނުގައި ސަންޓޯސް ކުޅުން ގޮތަށް. އަދި ބެންފީކާ އާއި އަޔެކްސް އާއި އޭސީ މިލާން އަދި ރެއާލް މެޑްރިޑް ޓީމުތައް ކުޅެމުން ދިޔަ ގޮތަށް." ޕެލޭ ބުންޏެވެ.
ބާސާ އިން ވަނީ ފާއިތުވި ހަ އަހަރުތެރޭ ތިން ޗެމްޕިއަންސް ލީގު މުބާރާތާ ދެ ކުލަބް ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ވެސް ބާސާ އަކީ ކާމިޔާބީ ޓީމެއް ކަން އެ ޓީމުން ދަނީ ދައްކަމުންނެވެ.