ރާއްޖޭގައި ގަބޫލުކުރާ އެހެން ގައުމުތަކުގެ ލައިސަންސްއަށް ބަލައި ރާއްޖޭގެ ލައިސެންސް ދިވެހިންނަށާއި ބިދޭސީންނަށް ދޫކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މިދިޔަ މަސް ތެރޭ ރާއްޖޭގައި ގަބޫލުކުރާ ބިދޭސީ ލައިސަންސް ނުވަތަ އެހެން ގައުމުތަކުގެ ލައިސަންސްގެ ލިސްޓެއް އާންމުކޮށްފައެވެ. އެ މިނިސްޓްރީއިން މިއަދު އާންމުކުރި ބިދޭސީ ލައިސަންސްއަށް ބިނާކޮށް ދިވެހި ލައިސަންސް ދޫކުރުމާ ބެހޭ އުސޫލުގެ ދަށުން އެ މިނިސްޓްރީއިން ކުރިން އާންމުކޮށްފައިވާ ގައުމުތަކުގައި ދޫކުރާ ލައިސަންސްއަށް ބަލައި ރާއްޖޭގައި ބިދޭސީންނާއި ދިވެހިންނަށް ރާއްޖޭގެ ލައިސަންސް ދޫކުރަން ވަނީ ނިންމައިފައެވެ. އަދި އެއްވެސް އިތުރު އިމްތިހާނެއް ހަދަން ނުޖެހޭނެކަމަށެވެ.

އެހެން ގައުމެއްގެ ލައިސަންސަށް ދިވެހި ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25 ގައުމެއްގެ ލައިސެންސަށެވެ. އެ ގައުމުތަކަކީ:

  • އަފްޣާނިސްތާން،

  • ބޫޓާން،
  • އިންޑިއާ،
  • ނޭޕާލް،
  • ޕާކިސްތާން،
  • ސްރީލަންކާ،
  • ބުރުނައި،
  • ކެމްބޯޑިއާ،
  • އިންޑޮނީޝިއާ،
  • ލާއޯސް،
  • މެލޭޝިއާ،
  • މިޔަންމަރ،
  • ފިލިޕީންސް،
  • ސިންގަޕޯ،
  • ތައިލެންޑް،
  • ވިއެޓްނާމް،
  • ޖަޕާން،
  • ޔުނައިޓެޑް ކިންގްޑަމް،
  • ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ،
  • ޗައިނާ،
  • ޔުނައިޓެޑް އެރެބް އެމިރެޓްސް،
  • ސްވިޓްޒަރލެންޑް،
  • ސައުދީ އަރަބިޔާ،
  • ބެލްޖިއަމް،
  • ޖާމަނީ

ލައިސަންސްއަށް އެދި ހުށަހަޅާއިރު ދިވެހިން އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. އަދި ލައިސަންސް ދޫކޮށްފައިވާ ގައުމުގައި އެ ދޫކޮށްފައިވާ ތާރީހުގައި ހުރިކަން އެނގޭނެ ޕާސްޕޯޓް ކޮޕީއެއް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީ އެއް ނަމަ ވޯކް ވިސާ ކޮޕީ އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން މުއްދަތު ހަމަނުވާ ބިދޭސީ ލައިސަންސް ހުށަހަޅަން ޖެހޭނެއެވެ. އަދި ބިދޭސީ ލައިސަންސް ގެ ސައްހަކަން ކަށަވަރު ކުރާނީ އޮންލައިންކޮށްކަމަށް މިނިސްޓްރީން ބުންޏެވެ.

އޮންލައިންކޮށް ވެރިފައި ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރު ކުރުމަށް އެމްބަސީގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން 250 ރުފިޔާ ގެ ފީއެއްވެސް މިނިސްޓްރީއަށް ދައްކަން ޖެހޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމު ތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް، އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް އޮވެއެވެ.