އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ޕްލޭ އޮފްއަށް އިންޑިއާގެ ބެންގަލޫރު އެފްސީއިން ވަރުގަދަ ސްކޮޑެއް އިއުލާންކޮށްފިއެވެ. ކެޕްޓަން ސުނިލް ޗެތުރީ ހިމަނައިގެން ނެރުނު ޓީމުގައި އިންޑިއާ ގައުމީ ޓީމުގެ ފަސް ކުޅުންތެރިން ހިމެނެއެވެ.

އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ކީޕަރު ގުޕްރީތު ސިންގް ސަންދޫ އާއި މިޑްފިލްޑަރު ސުރޭޝް ސިންގް އަދި މުހައްމަދު އަޝީގްގެ އިތުރުން ފޯވާޑް އުދާންތާ ސިންގު ހިމެނެއެވެ.

އިންޑިއަން ސުޕަ ލީގުގެ ސީޒަން ހަތް ވަނައިގައި ނިންމާލަން ޖެހުނު ބެންގަލޫރުއިން މިވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ.

ޕްލޭ އޮފްއަށް އެކުލަވާލި ސްކޮޑުގައި އެޓީމާ އަލަށް ގުޅުނު ހަތް ކުޅުންތެރިން ހިމެނެއެވެ. މިކުޅުންތެރިންގެ ތެރޭގައި މިދިޔަ ސީޒަނުގެ އައި ލީގުގައި ރިއަލް ކްޝްމީރްއިން ވިދާލި ދާނިޝް ފާރޫގް އަދި އައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ބިދްޔަޝަގަރް ސިންގް ހިމެނެއެވެ.

މި ދެކުޅުންތެރިންގެ އިތުރުން އިންޑިއަން ސުޕަ ލީގުގައި ކުޅެފައިވާ ފަސް ކުޅުންތެރިން ވަނީ އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ކެރެލާ ބްލާސްޓަސްއަށް ކުޅުނު ޑިފެންސިވް މިޑްފީލްޑަރު ރޯހިތު ކުމާރު ވަނީ ބެންގަލޫރުއަށް ގެނެސްފައެވެ.

ޑިފެންޑަރު ސާތަކު ގޮއުލީގެ އިތުރުން ވިންގާ ހާމަންޕްރީތު ސިންގްވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ. މިދެކުޅުންތެރިންނަކީވެސް އީސްޓް ބެންގާލް ދޫކޮށް ބެންގަލޫރުއަށް ސޮއި ކުރި ދެ ކުޅުންތެރިންނެވެ.

އަލަަށް ގެނައި ކުޅުންތެރިންގެ ތެރެއިން ބެންގަލޫރުއިން ހިމަނާފައިވާ ފަހު އިންޑިއާ ކުޅުންތެރިއަކީ 28 އަހަރުގެ މިޑްފީލްޑަރު ޖަޔޭސް ރޭންއެވެ. ރޭން އަކީ ބެންގަލޫރުއިން އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިއާއެވެ. އޭނާ ވަނީ މީގެ ކުރިން މުމްބާއި އެފްސީ އާއި މޮހުން ބަގާންގެ އިތުރުން ޗެންނާއިއަންއަށް ކުޅެފައެވެ.

ބެންގަލޫރުއިން ސްކޮޑުގައި ހިމަނާފައިވާ ތިން ބިދޭސީ ކުޅުންތެރިންނެވެ. އެއީ ބްރެޒިލް ޑިފެންޑަރު އަލަން ކޮސްޓާ އަދި ބްރެޒިލް ފޯވާޑް ކްލެއިޓަން ސިލްވާގެ އިތުރުން ގަބޯން ޑިފެންޑަރު މުސާވޫ ކިންގްއެވެ. މުސާވޫ ފާއިތުވެދިޔަ ސީޒަނުގައި ކުޅުނީ ފްރާންސްގެ ދެވަނަ ޑިވިޝަންގައެވެ.