މި ސަރުކާރުން އެންމެ ފުރަތަމަ މުސާރަ ބޮޑުކުރާނީ މުދައްރިސުންގެ ކަމަށް މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވާކަމަށެވެ.

"ސަރުކާރުން މުދައްރިސުންގެ ރޯލް ބަލައިގަންނަ ކަމުގެ ރަމްޒެއްގެ ގޮތުން އެންމެ ފުރަތަމަ މުސާރަ ބޮޑުކުރާ ބައެއްގެ ގޮތުގައި ތައުލީމީ ދާއިރާގެ މުވައްޒަފުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި،"

"ހަގީގަތުގައި މުދައްރިސުންގެ އުޖޫރައަކީ ފައިސާއިން ހަމަޖެއްސޭނެ އެއްޗެއްނޫން. މިއީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި މުދައްރިސުންނާއި މެދުގައި އޮންނަ ލޯތްބާއި އިހްތިރާމް. އަޅުގަނޑު އެދެނީ މި އަހަރަކީ ކުރީ އަހަރެއްގެ ތަކުރާރެއް ކަމުގައި ނުބައްލަވާ ކިޔަވައިދެއްވާ ކޮންމެ ފިލާވަޅެއްގައި އާ ކުރިއެރުންތަކެއް ގެންނެވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށުނު ދިރާސީ އަހަރާއެކު ތައުލީމީ ގާނޫނުވެސް ތަންފީޒުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށެވެ.

"މި ގާނޫނުން މުދައްރިސްކަން ކިޔަވާއިރު ކިޔަވަންޖެހޭ ބައިތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންދޭ. އަދި މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ހައްގުވެސް ލިބިގެންދޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ގާނޫނުގެ ސަބަބުން މުދައްރިސް ކަމުގެ ތައުލީމު ހަރުދަނާވެގެންދާނެކަމަށެވެ. އަދި ހުނަރުވެރި މުދައްރިސުން ބިނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ހަމައެއާއެކު ދަރިވަރުންގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ރާއްޖޭގެ ސްކޫލްތަކުގައި ފަށާފައިވަނީ މިއަދެވެ. އެގޮތުން މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 92،930 ކުދިން ތައުލީމު ހާސިލްކުރަމުން ގެންދާނެއެވެ.