10 Aug 2021, 00:37
ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ނުޖަހާ ޓީޗަރުންނާމެދު އަޅާނެ ވަކި ފިޔަވަޅެއް އަދި ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ "ސަން"އަށް ވިދާޅުވީ ވެކްސިން ނުޖަހާ ޓީޗަރުން ވަޒީފާއިން ވަކި ކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލަށް ނުކުންނައިރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ޓީޗަރުންނާއި މުވައްޒަފުން ކްލާސްރޫމަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަދިއެއް ނުނިންމަން ވެކްސިން ނުޖަހާ މުވައްޒަފުންނާއި ދޭތެރޭގަ ސީދާ އަޅާނީ ކޮން ފިޔަވަޅެއްތޯ؟. ވަޒީފާއިން ވަކި ކުރާނީތޯ؟. ސަސްޕެންޑް ކުރާނީތޯ؟. ނޫނީ އެހެން ކަމެއް ކުރާނީތޯ؟. އެކަމަށް ގޮތެއް ނިންމޭނީ ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީއާ މަޝްވަރާ ކޮށްގެން. ގަވާއިދަކު ނެތް ސީދާ މުތުލަގަށް ވެކްސިން ނުޖަހާ މީހުން ވަޒީފާއިން ވަކި ކުރާނަމޭ ބުނެފައެއް. އެހެންވީމަ އެކަމެއް ނުކުރާނެ ދެއްތޯ؟. އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ ވިދާޅުވީ ޓީޗަރުން ލިބުމުގެ މައްސަލަ މިހާ ބޮޑުވެފައިވާ ދުވަސްވަރެއްގައި ހަރުކަށި ފިޔަވަޅު ތަކެއް އަޅައި ޓީޗަރުން ވަޒީފާއިން ވަކި ކުރުމަކީ މިނިސްޓްރީން ބޭނުންވާ ގޮތް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީން އެންމެ ކަންބޮޑު އިސްކަމެއް ދެނީ ދަރިވަރުންނާއި މުވައްޒަފުންނާއި އަދި މުޅި ސްކޫލް މާހައުލުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށެވެ.
އެހެންކަމުން މިނިސްޓްރީން އެދިފައިވާ ގޮތައް ހުރިހާ ޓީޗަރުން، ވެކްސިންގެ އެއް ޑޯޒް ނަމަވެސް ފުރިހަމަ ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.