09 Aug 2021, 23:04
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ރާއްޖެއިން 1،602 މީހަކު ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުން 953 މީހަކު ޖެހިއިރު އަތޮޅުތަކުން 649 މީހަކު ޖެހިއެވެ. އަދި މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 1،150އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 669 މީހަކާއި އަތޮޅުތަކުން 481 މީހެކެވެ.
ރާއްޖެއިން މިހާތަނަށް 331.654 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 285،931 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، އެޗްޕީއޭއިން ވަނީ މިއަދު 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހަކު ހިމެނެއެވެ. އަދި އަތޮޅުތަކުން 72 މީހަކާއި ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން 1،975 ސާމްޕަލް ނަގާފައި ވަނީ މާލޭ ސަރަހައްދުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 78،464އަށް އިތުރުވެފައެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،570 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 19 މީހުންނަށެވެ. އަދި މިހާތަނަށް ރާއްޖެއިން 75،660 މީހުން ކޮވިޑުން ރަނގަޅުވެފައިވާ އިރު ބަލީގައި ޖުމްލަ 222 މީހަކު މަރުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.