ބާސެލޯނާއާ އެކު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެކުލަބުން އަދިވެސް ގާޑިއޯލާ ބޭނުންވާ ކަމަށް ބާސާގެ ހުނަރުވެރި މިޑްފީލްޑަރު އަންދުރޭސް އިނިއެސްޓާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ 2008 ވަނަ އަހަރު ސީނިއާ ޓީމާއި ހަވާލުވެ ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފަ އެވެ. ބާސެލޯނާގެ ކޯޗުކަމާއި ދިގު މުއްދަތަކަށް ހަވާލުވުމަށް ދެކޮޅު ހެދި ނަމަވެސް އަހަރަކުން އަހަރެއް ކޮންޓްރެކްޓް އާކުރަމުންދެ އެވެ.

ބާސާއާ އެކު ޓީމުގައި ގާޑިއޯލާ މަޑުކުރުމަށް ދާދި ފަހުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ވެސް އެދިފައިވެ އެވެ. މި ކަމަށް މިހާރު މިވަނީ އިނިއެސްޓާ ވެސް އެދިފަ އެވެ.

"އަހަރެން އުންމީދުކުރަނީ ކޯޗް ގާޑިއޯލާ ހަދާފައިވާ ކޮންޓްރެކްޓް އާކޮށް، ޓީމާ އެކު ގިނަ ދުވަސްތަކަކު މަޑުކުރާނެ ކަމަށް. އެއީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާ ގޮތަކީ. އަހަރެމެންނަށް އަދިވެސް އުފާވެރި ދުވަސްތަކެއް ކުރިއަށް އެބައޮތް." ކޯޗް ގާޑިއޯލާ ބުންޏެވެ.

ކޯޗެއްގެ އިތުރުން ގާޑިއޯލާ އަކީ މިޑްފީލްޑަރެއްގެ ގޮތުން މަޝަހޫރު ކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ބާސެލޯނާގެ ކެޕްޓަންކަން އަދާކޮށް، އެކުލަބަށް ގިނަ މެޗުތަކެއް ކުޅެދީ މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފައިވެ އެވެ. މީގެ އިތުރުން ގާޑިއޯލާ ވަނީ، ރޯމާ އަށާއި، ބްރެސިއާ އަށާއި، އަލްއަހްލީ އަދި ޑޮރަޑޮސް އަށް ވެސް ކުޅެފައެވެ. ދެހާސް ހަ ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުން ރިޓަޔާ ވުމަށް ފަހު ގާޑިއޯލާ ފެނިގެންދިޔައީ މޮޅު ކޯޗެއްގެ ގޮތުގަ އެވެ. ބާސެލޯނާގެ ބީ ޓީމުގެ ކާމިޔާބީ އަށް ފަހު 2008 ވަނަ އަހަރު ގާޑިއޯލާ އަށް ވަނީ އޭ ޓީމު ހަވާލުކޮށްފައެވެ.