ކޮވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް އަސަރު ކޮށްފައިވާތީ އެފަދަ ކުދިންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިނެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން މިދިޔަ އަހަރު ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ) ރިޕޯޓުން ދައްކާ ގޮތުގައި މަތީ ސާނަވީން ފެށިގެން ނާސަރީ އާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަނުންނަށް ވަނީ ކޮވިޑުގެ ސަބަބުން ނަފުސާނީ އަސަރު ކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ 91،000 ދަރިވަރުންނަށް ވަނީ ކޮވިޑް-19ގެ އަސަރު ކޮށްފައެވެ.

ވީޓީވީގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި އުޅޭ ދަރިވަރުންނަށް ނަފުސާނީ މައްސަލަތައް ދިމާވުމަކީ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދަރިވަރުންނާއި މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަ ތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ ފަރާތްތަކުގެ ދުޅަހެޔޮކަމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިނިސްޓްރީން މިކުރާ މަސައްކަތުގެ ތެރެއިން ފާހަގަ ކޮށްލަން ބޭނުންވޭ އަޅުގަނޑުމެން ދަރުވަރުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިނެއް ގާއިމު ކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން. މިމަސް ނިމޭއިރު އެކަން ފެށިގެންދާނެ،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ އެފަދަ ހޮޓްލައިނެއް ގާއިމު ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގެ ކުދިންނަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުދިންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިމުގައި ހަރަކާތްތެރިވާނީ މިނިސްޓްރީގެ ކައުންސިލަރުން ކަމަށެވެ.

ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން އެހެން އަހަރު ތަކާ ހިލާފަށް މިއަހަރު ޗުއްޓީއަށްފަހު ރާއްޖެ އަންނަ ޓީޗަރުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް ފަސް ދުވަހާއި ހަތް ދުވަހު ގޭގައި މަޑު ކުރުމަށްފަހު ނެގެޓިވް ޕީސީއާރު ހިފައިގެން ނޫނީ ސުކޫލަށް ނުކުތުން މަނާވާނެ ކަމަށެވެ.

"ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް ފަސް ދުވަހާއި ހަތް ދުވަހު ގޭގައި މަޑު ކުރުމަށްފަހު ނެގެޓިވް ޕީސީއާރު ހިފައިގެން ނޫނީ ސުކޫލަށް ނުކުތުން މަނާވާނެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މުވައްޒަފުން ސާދަ ދުވަހުގެ ކަރަންޓީނަކަށްފަހުގަ ސުކޫލަށް ނުކުންނަވާނީ. އެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން،" މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ ސުކޫލް މާހައުލުން ބޭރުގައިވެސް ކުދިން ގެންގުޅޭއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އެ ކުދިންގެ ކަންކަން ބެހެއްޓުމަށްޓަކައި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަކީ މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއް ކަމަށެވެ.