09 Aug 2021, 18:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ގޮތަށް ގއ. ކޫއްޑު އާއި ވިލިނގިއްޔާ ދެމެދު ބްރިޖް ނާޅައިފިނަމަ ރިޔާސީ ކެމްޕެއިންގައި ރައްޔިތުން އެކަމުގެ ސުވާލު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން މެމްބަރު ސައުދު ވިދާޅުވީ ކޫއްޑޫ - ވިލިނގިލި ބްރިޖަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެއަތޮޅު މާމެންދުއާއި ކޫއްޑުއާ ދެމެދު ބްރިޖެއް އެޅުމަށް އެއަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ.
"މިވަގުތު ގއ. ވލިގިނލީ ޒޯންގެ އެންމެ މުހިންމު ޕްރޮޖެކްޓު އަކީ ކޫއްޑުއާއި ވިލިގިނލި ގުޅުވާލާފަ އަދި ކޫއްޑުއާ މާމެންދޫ، ދާންދޫ އާ ގއ. އަތޮޅުގެ އެހެން ރަށްތަކާވެސް ގުޅުވާލުން. މިއީ މިހާރު ގއ. އަތޮޅުގެ ހުރިހާ ރަށަކުންވެސް ބޭނުންވާ ގޮތް،" ސައުދު ވިދާޅުވިއެވެ.
ކޫއްޑުއަކީ ރާއްޖެއިން އެންމެބޮޑަށް މަސް އެކްސްޕޯޓްކުރާ ރަށަށްވާއިރު، ބްރިޖް އެޅުމަކީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ކޫއްޑޫ - ވިލިގިނލި ބްރިޖް އަޅަން އުޅޭ ކަނޑުގެ ސަރަހައްދަކީ މިޔަރު އާލާވާ ސަރަހައްދެއް ކަމުން އެސަރަހައްދުގައި ބްރިޖް އެޅުމުން މިޔަރު އާލާވުމަށް ހުރަސްއެޅޭނެ ކަމަށް ދެކެވިފައިވާ ވާހަކަތައް ސައުދުވަނީ ދޮގުކުރައްވާފައެވެ.
"ކަނޑަށް ތަނބެއް ޖަހާކަށް ނުޖެހޭ. ފަރުގެ ދެކޮޅަށް ތަނބު ޖަހަން ޖެހެނީ. އަޅުގަނޑުމެން ފުރަތަމަ އެހިޔާލު ކުރިއިރު އެއީ ދިރާސާ ކުރެވިފައި އިންގޮތް. އަދި އެސަރަހައްދުގައި ތަނބެއް ޖެހިޔަސް އެތާގަ އުޅޭ މިޔަރަކާއި ގުޅުމެއް އޮތްކަމެއް ނޫން،" ސައުދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިޔަރުގެ މުހިންމުކަންވެސް ވަރަށް ބޮޑު. އެއީ އެސަރަހައްދަކީ ފަތުރުވެރި ކަމުގެ ވަރުގަދަ ޒޯންއަކަށް ވަތީ. އެކަމަކު ތަރައްގީގެ އެމަޝްރޫއާ މިޔަރާ އެއްވެސް ގުޅުމެއް ނެތް."