21 Feb 2012, 13:28
ޖަރުމަނުގެ ބެޔާން މިއުނިކާ އެކު، އެޓީމުގެ ހޮލެންޑް ފޯވާޑް އާރިއަން ރޮބެން ހަދާފައިވާ އެއްބަސްވުން އާކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެކުލަބުގެ ޗީފް އެގްޒެކެޓިވ އޮފިސާ (ސީއީއޯ) ކާލް ހޭންޒް ރުމެނިޖް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ރޮބެން އަކީ ރެއާލް މެޑްރިޑުން 2009 ވަނަ އަހަރު ބެޔާން އާ ގުޅުނު ފަހުން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިސީޒަނުގައި ރޮބެން އަށް ކުރިމަތިލާން ޖެހިފައިވާ އަނިޔާތަކާއި ގުޅިގެން އޭނާ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެ އެވެ. ދާދި ފަހުން ރޮބެން އަށް ވަނީ ގިނަ ފާޑު ކިއުންތަކަކާއި ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އެންމެ ބޮޑަށް ފާޑިކިޔާފައި ވަނީ ފްރާންޒް ބެކެމްބާ އެވެ. ރޮބެން ފާހަގަ ވަނީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށް ބެކެމްބާ ފާހަގަ ކުރެ އެވެ.
"ޓީމާ އެކު ރޮބެން ހަދާފައިވާ ކޮންޓްރެކްޓް އާކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. އަހަރެމެން އެކަމަށް ކޮންމެވެސް ހައްލެއް ހޯދާނަން. އޭނާ އަށް ދިމާވި އަނިޔާތަކުގެ ކުރިން އޭނާ ކުޅެމުންދިޔައީ މޮޅު ކުޅުމެއް. ޒަވީ އަދި އިނިއެސްޓާ ފަދަ ކުޅުންތެރިންނާއި އެއް ފެންވަރުގެ ކުޅުމެއް އޭނާ ދެއްކި." ރުމެނިޖް ބުންޏެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހަމައަށް ބެޔާން ދަތުރު ކޮށްދިނުމުގައި ރޮބެންގެ ހިއްސާ ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ. އެ އަހަރުގެ ފައިނަލު މެޗުގައި އިންޓަމިލާން އަތުން ބެޔާން ބަލިވީ 2-0 ލަނޑުން ނެވެ.