ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.

މިވަގުތު ކުރިއަށްދާ ސާފް ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެއަށް ބިޑް ކާމިޔާބުވެއްޖެކަން ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މުބާރާތް ބާއްވަން ކަނޑައަޅާފައި އޮތް ތާރީހަކީ އޮކްޓޯބަރު 1 އިން 13 އަށް ކަމަށް ވެސް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީއެވެ.

ބަންގްލަދޭޝްގައި ސާފް ބޭއްވޭނެ ގޮތެއްނުވުމުން މި މަހުގެ 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލިއެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.

އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފައެވެ.

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. މި ފަހަރު ވެސް ސާފް ބާއްވަން އެންމެ ފުރަތަމަ ރާއްޖޭން ބިޑް ކުރަން މަޝްވަރާކުރީ ލަންކާއާ ގުޅިގެންނެވެ. އެކަމަކު، ފަހުން ނިންމީ ރާއްޖޭން އެކަނި ސާފް ބޭއްވުމަށެވެ.

މިފަހަރުގެ ފަސް ގައުމު ކުޅޭނަމަ ސާފްގެ ވިސްނުމަކީ މި ފަހަރުގެ މުބާރާތް ލީގު އުސޫލުން ކުޅުމެވެ. އެކަމަކު، ބޫޓާން ކުޅޭނަމަ މި ފަަހަރުގެ ސާފްގެ މެޗުތައް ކުރިއަށްދާނީ ހަ ގައުމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ބޫޓާންގެ މެދުގައެވެ.