09 Aug 2021, 16:54
ކުށުގެ ރިކޯޑް މިހާރު ބަލާ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ހޯމް މިނިސްޓްރީއިން ކަނޑައަޅައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުގެ ގެޒެޓްގައި ހޯމް މިނިސްޓްރީއިން ޝާއިރު ކޮށްފައިވާ ޕޮލިސް ރިކޯޑް ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދުގައި ވާގޮތުން މިހާރު ކުށުގެ ރިކޯޑް ބެލުމުގެ މުއްދަތަކީ ތިން އަހަރެވެ.
އެގޮތުން ކުށުގެ ރިކޯޑް ބެލުމަށް އެދި ހުށަހަޅާ ފަރާތުގެ ކުށުގެ ރިކޯޑްގެ މުއްދަތު ބަލާނީ ކުށުގެ ރިކޯޑަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި ތިން އަހަރު ދުވަހުގެ މުއްދަށް ކަމަށް އެ ގަވާއިދުގައިވެއެވެ.
ނަމަވެސް ޕޮލިސް ރިކޯޑް ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދުގެ ދަށުން ވަކި މުއްދަތެއްގެ ޕޮލިސް ރިކޯޑް ހޯދަން ހުށަހަޅައިފިނަމަ އެ ހުށަހަޅާ މުއްދަތަކަށް ކުށުގެ ރިކޯޑްގެ ލިޔެކިޔުން ދޫކުރާނެ ކަމަށްވެސް އެ އެ ގަވާއިދުގައިވެއެވެ.
މީގެ އިތުރުން މި ގަވާއިދުގެ ދަށުން ދޫކުރާ ކުށުގެ ރިކޯޑްގައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލުމާތެއް ކަމަށް އެ ފަރާތަކަށް ގަބޫލު ކުރެވިއްޖެނަމަ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅޭނެއެވެ.
މައްސަލަ ހުށައަޅާއިރު ސައްހަ ނޫން މައުލޫމާތަކީ ކޮބައިކަމާއި ސައްހަ ނޫން ކަމަށް ގަބޫލު ކުރެވޭ ސަބަބު ލިޔުމުން ހުށަހަޅަންވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.
ކުށުގެ ރިކޯޑްގެ ގޮތުގައި ފުލުހުން ރައްކާ ކޮށްފައި ހުންނަ ލިޔެކިޔުންތައް ނައްތާލެވޭނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށެއް ނަމަ އަށް އަހަރު ދުވަސް ވުމުންނެވެ.
ޖުނަހުގެ ދަރަޖައިގެ ކުށެއް ނަމަ ތިން އަހަރު ދުވަސް ވުމުން ލިޔެކިޔުން ނައްތާލެވޭއިރު ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައެއްނަމަ ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ލިޔުންތައް ރައްކާތެރި ކަމާއެކު ބަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.
މީގެ ކުރިން ކުށުގެ ރިކޯޑް ދޫކުރުމުގައި ބަލަމުން އައީ ފާއިތުވި ފަސް އަހަރު ދުވަހުގެ ކުށުގެ ރިކޯޑަށެވެ.