09 Aug 2021, 15:22
އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިންގެ ޝިޕްމެންޓް ރާއްޖެއަށް ގެނެސްފިއެވެ.
މި ވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ މިއަދު ހަވީރު 15:05 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓެއްގައެވެ. އެމެރިކާއިން މިއަދު ރާއްޖެއަށް ހަދިޔާ ކުރީ ކޮވެކްސް ފެސިލިޓީގެ ތެރެއިން 128،700 ފައިޒާ ވެކްސިންގެ ޑޯޒްއެވެ.
ވެކްސިން ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނީ ބީ ޓެޕްލިޒް ވެސް ވަނީ ބައިވެރިވެޑައިގެންފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންއަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ވެކްސިން ޕްރޮގްރާމްއާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
"މިއަދު ހަދިޔާކުރެވުނު ވެކްސިންގެ ޝިޕްމަންޓާއެކު ރާއްޖޭގައި ވެކްސިންގެ ކެމްޕޭނަށް އިތުރު ބާރެއް ލިބިގެންދާނެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ދިނުމަށް ވަރުގަދަ އަމާޒެއް ހިއްޕަވާފައި. މި ފުރުސަތުގައި ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ސިއްހީ ހިދުމަތްތެރިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާއިން ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު އަލައިނާ ވިދާޅުވީ މިއަދު ހަދިޔާ ކުރި ވެކްސިންއާއެކު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކުރައްވާކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފައިޒާ ވެކްސިން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި ހަމައާއެކު ސްކޫލްތަކުގެ ތެރެއިން މި އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް މި ހަފްތާތެރޭ ފެށީގެންދާނެކަމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. ފައިޒާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެ އުމުރުފުރައިގެ ކުޑަކުދިންނަށާއި ބައެއް ހާލަތްތަކުގައި މާބަނޑު ފަރާތްތަކަށެވެ.
ރާއްޖޭގައި މިހާރު ވެކްސިން ޖެހުމަށް ބާރުއަޅައި ވަރުގަދަ ކެމްޕޭނެއް ވަނީ ފަށައިފައެވެ. އިއްޔެއާ ހަމައަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 284،329 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުން އަންނީ ތިން ބާވަތެއްގެ ވެކްސިންއެވެ. އެއީ ކޮވިޝީލްޑް ވެކްސިން އާއި، ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިންއެވެ. މި ވެކްސިން ތަކުގެ އިތުރުން ރާއްޖޭގައި ހުއްދަދީފައިވާ އެހެން ވެކްސިންތަކަކީ މޮޑާނާ، ޖެންސަން، ސްޕަޓްނިކް ވީ ވެކްސިންއެވެ.