ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ ޗެލްސީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ނަޕޯލީ ނުކުންނަ މެޗަކީ މިސީޒަނުގައި އެ ޓީމު ކުޅޭނެ އެންމެ މުހިންމު މެޗު ކަމަށް އެކުލަބުގެ ތަރި މަރެކް ހަމްސިކް ބުނެފި އެވެ.

"އެ މެޗު ވެގެންދާނީ މިސީޒަނުގައި ނަޕޯލީ ކުޅޭނެ އެންމެ މުހިންމު މެޗު. ހަމަ އެހެންމެ، އިޓަލީ ކަޕުގެ ސެމީފައިނަލުގައި ސިއެނާ އާއި ދެކޮޅަށް ކުޅޭ މެޗަކީ ވެސް މުހިންމު މެޗެއް. ޗެލްސީއެއް ވެސް ހަމަގައިމު ވެސް ނާކާމިޔާބީ އެއް ބޭނުމެއް. އެމީހުން ވެސް ކޮންމެ ވެސް އެއް މުބާރާތެއް ކާމިޔާބު ކުރަން ބޭނުންވާނެ." ހަމްސިކް ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި އޭސީ މިލާން އިން ވެސް ހަމްސިކް ހޯދުމަށް މަސައްކަތް ކުރަމުންދެ އެވެ. އެހެން ކަމުން ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ހަމްސިކް ދައްކާ ކުޅުމުން އިނގިރޭސި ކުލަބުތަކުން އިތުރު ޝައުގުވެރިކަމެއް ފާޅުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.