09 Aug 2021, 13:03
މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ތެރެއިން 96 ޕަސެންޓު ޓީޗަރުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.
"މުޅި ރާއްޖޭގެ މުދައްރިސުންގެ އާބާދީއަށް ބަލާއިރުގައި ހަމަ ވަރަށް ބޮޑު އަދަދެއް މިއީ. މާލޭ ސަރަހައްދުގެ ޓީޗަރުންގެ ނިސްބަތް މިއީ،" އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރޭގައި ހުރިހާ ރަށެއްގައި ވެކްސިން ފޯރުކޮށްދީގެން ވެކްސިން ޖަހަން ފެށުމުގައި ލަސްތަކެއް ދިމާވެފައިވާކަމަށެވެ. އެހެންކަމުން އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ ކަންކަމުގައި ލަސްތަކެއް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ޑޯޒް ޖައްސަވައިގެން ގިނަ ޓީޗަރުން ތިއްބަވާނީ. އެހެންނަމަވެސް އަތޮޅު ތެރޭގެ ސީދާ އަދަދެއް ދަންނަވާލަން ދަތި،" އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ކަންކަން ހަލުވި މިނެއްގައި ކުރިޔަށް ގެންދާއިރު މި ހަފްތާ ތެރޭ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެކަމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
އަދި ބެލެނިވެރިންވެސް ވެކްސިން ފުރިހަމަކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އެއާއެކު ވެކްސިން ފުރިހަމަ ކުރި ބެލެނިވެރިންނަށް މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން ގްރީން ކާޑުގެ ނަމުގައި ކާޑެއް ތައާރަފްކުރުމަށްވެސް ވަނީ ނިންމާފައެވެެ.