09 Aug 2021, 14:18
ރާއްޖޭގެ ޒުވާން ފުޓުބޯޅަ ތަރި އީތަން އިބްރާހިމް ޒަކީއަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަޝް ރެޝްފޯޑްގެ ހެޔޮ އެދުންތައް ފޮނުވައިފިއެވެ. ޓްވިޓާގައި މީހަކު ހިއްސާކުރި އީތަންގެ ވީޑިއޯއަކަށް ރެޝްފޯޑްވަނީ ކޮމެންޓްކޮށްފައެވެ.
އެ ޓްވީޓަށް ކުރި ރިޕްލައިގައި ރެޝްފޯޑް ލިޔެފައިވާނީ "ލަވް ދިސް" މިހެންނެވެ. ރާއްޖެއިން ބޭރުގައިވެސް ގިނަ ކޭމްޕްތަކެއްގައި ބައިވެރިވެފައިވާ އީތަން އަކީ ގިނަ ކޯޗުން ގަބޫލުކުރާ ގޮތުގައި ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލުގައި ބޮޑު ރޯލެއް ކުޅޭނެ އެއް ކުޅުންތެރިއެކެވެ.
ޓީސީ އާއި ނިއު ރޭޑިއަންޓުގެ ޒުވާން ޓީމަށްވެސް ކުޅެފައިވާ އީތަން ފުޓުބޯޅައިގެ ތަމްރީނުތައް ފެށީ އީޓީއެފްއޭގައި ހީނާ އަހްމަދު ސަލީމް (ބޮޑު ހީނާ)ގެ އިރުޝާދުގެ ދަށުންނެވެ.
ތައިލެންޑުގައި ބޭއްވި މުބާރާތެއްގައި ޓިސީގެ ޒުވާން ޓީމާއެކު ރިހި މެޑަލްވެސް އީތަން ވަނީ ހޯދާފައެވެ. ސްޕެއިންގެ ޓީއެންޖީއެސް އެކެޑަމީ އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ވަނައެއް ހޯދައި ސްޕެއިނަށް ޓްރެއިނިން ކޭމްޕެއްގައި ދިއުމުގެ ފުރުސަތުވެސް އީތަން ވަނީ ހޯދާފައެވެ.