09 Aug 2021, 13:16
އާބާދީއާ އެއްވަރަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުގެ ބައެއް މިނިސްޓްރީތައް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑެވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ހުޅުމާލޭ ފޭސް ވަން ސަރަހައްދުގައި މިހާރު އޮތް ހުސް ބިންތަކަކީ މާސްޓާ ޕްލޭނެއްގެ ދަށުން މުސްތަގުބަލުގައި ކޮމާޝަލް ކަންކަމަށް ބޭނުންވާ ބިން ދޫކުރުމަށް އޮތް ސަރަހައްދެއްކަމަށެވެ.
އެގޮތުން މިހާރުވެސް ސަރުކާރުގެ ކުންފުނިތަކާއި، އެކިއެކި އިންސްޓިޓިއުޓް ތަކުން އޮފީސްތައް އެޅުމަށް ހުޅުމާލެއިން ބިން ބޭނުންވެގެން އެޗްޑީސީ އަށް ރިކުއެސްޓު ކުރަމުންދާ ކަމަށް ސުހައިލް ވިދާޅުވިއެވެ.
"އެހެންވީމަ މިހާރު ސަރުކާރުންވެސް އެ ހަައްދަވަނީ ހަތަރު، ފަސް މިނިސްޓްރީ އެކޮޅަށް (ހުޅުމާލެ ފޭސް އެކަކަށް) ބަދަލުކުރަން،"
"ޕްލޭނިން މިނިސްޓްރީއިން މިހާރުވެސް އިމާރާތެއް އެބަ ހައްދަވާ. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއަށްވެސް ބިމެއް އޭނދީ ވިއްކާފަ. އުރީދޫއިން ވެސް އެމީހުންގެ ހެޑް އޮފީސް އެ ހަދަނީ،" ޝުހައިލް ވިދާޅުވިއެވެ.
ޝުހައިލް ވިދާޅުވީ އެގޮތަށް ބައެއް މިނިސްޓްރީތަކާއި ބޮޑެތި ވިޔަފާރިތައް ހުޅުމާލެއަށް ބަދަލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އާބާދީއާ އެކަށީގެންވާ ވަރަށް ވަޒީފާއާއި ހިދުމަތްތައް އިތުރުކުރުން ކަމަށެވެ.
މިހާރު ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގެ އިތުރުން މުހިންމު އިދާރާތަކާއި މުއައްސަސާތައްވެސް ހުންނަނީ މާލޭގައެވެ. އެހެންނަމަވެސް ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ ބްރާންޗްތައް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފައެވެ.