ބާސެލޯނާގެ ސަފުހާ ކަރުނަޔާ އެކު ނިންމާލުމަށްފަހު ފުޓުބޯޅައިގެ އެންމެ ބޮޑު ދެ ޓްރާންސްފާކަމަށްވާ ނޭމާ ޖޫނިއާ އަދި ކިލިއަން އެމްބާޕޭއާ އެކު ލިއޮނެލް މެސީއަށް ކިހާ ވަރެއްގެ ބޮޑު ކާމިޔާބެއް ހޯދިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައި އެ ތިން ކުޅުންތެރިންނަށް ގޮންޖަހަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ މެސީ ޕީއެސްޖީއަށް ބަދަލުވުމަށް ވަނީ ރަސްމީ ގޮތުން ހުށަހެޅުމެއް ލިބިފައެވެ. އަހަރަކު 35 މިލިއަން ޔޫރޯގެ މުސާރައަކާއެކު ޕީއެސްޖީގެ ހުށަހެޅުން ލިބިފައިވާއިރު، އިތުރު ދެ ހުށަހެޅުމެއްވެސް މެސީއަށް ލިބިފައިވާކަމަށް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް ދާން ނިންމާފައިވާ މެސީ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ޕެރިހަށް ގޮސް މެޑިކަލް ހެދުމަށް ވަނީ އިންތިޒާމުތައް ފަހިކޮށްފައެވެ.

ޕެރިސް އޮތީ މެސީއަށް މަރުހަބާކިޔަން ތައްޔާރަށެވެ. ރިޕޯޓްތައް ބުނާގޮތުން މެސީގެ ޓްރާންސްފާ ރަސްމީކޮށް ޕީއެސްޖީން އިއުލާން ކުރުމުގެ ގޮތުން ޕެރިހުގެ އެއިފިލް ޓަވަރު ވެސް ވަނީ ބޫކް ކޮށްފައެވެ.

މީގެ ކުރިން ނޭމާ ޖޫނިއާ އަދި ޒްލަޓަން އިބްރަހިމޯވިޗް ޕީއެސްޖީއަށް ގެނައިކަން އިއުލާން ކުރީ ވެސް އެއިފިލް ޓަވަރުގައެވެ.

މެސީ ޕީއެސްޖީއަށް ގޮސްފި ނަމަ އޭނާގެ ގާތް އެކުވެރިޔާ އަދި ކުރީގެ ޓީމް މޭޓް ނޭމާއާ އެކު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އެ ދެކުޅުންތެރިން އެކުގައި ކުޅުނު އިރު 2014-2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބާސެލޯނާއިން ހޯދިއެވެ. ކަންދިމާކުރި ގޮތުން އެއީ މެސީއަށް ބާސެލޯނާގެ ޖާޒީގައި ލިބުނު އެންމެ ފަހު ޗެމްޕިއަންސް ލީގަށްވެސް މިވަނީ ވެފައެވެ.

ނޭމާ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ އެ ކުލަބުގެ ތާރީހުގައި ވެސް އަލަށް ޗެމްޕިއަންސް ލީގުގެ ތަށްޓެއް ހޯދައިދިނުމުގެ އަމާޒާ އެކުއެވެ.

އެހެންނަމަވެސް މިހާތަަނަށް ނޭމާއަށްވެސް އެކަން ކާމިޔާބު ވެފައިނުވާ އިރު، މިދިޔަ އަހަރު އެ ޓީމުން ވަނީ ފައިނަލުގައި ކުޅެ ބަޔާން މިއުނިކް އަޔުން ބަލިވެފައެވެ.

އެހެން ކަމުން މެސީއަށް ޕެރިހުގައި ނޭމާ އަދި އެމްބާއްޕޭގެ ވަރުގަދަ އެޓޭކާއިއެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް ނުހޯދިއްޖެ ނަމަ އެކުލަބުގެ އެއްވެސް އަގެއް ނެތް ކަމަށް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް މެޗެއް ކުޅެން ޖެހިއްޖެ ނަމަވެސް 100 ޕަސަންޓު ދޭނެ ކަމަށް މެސީ ވަނީ ބުނެފައެވެ. މެސީ ވަނީ އޭނާ މެޗުން މޮޅުވާން ބޭނުންވާވަރު ބާސެލޯނާއަށް ވެސް އެނގޭނެކަމަށާއި އެކުލަބާ ދެކޮޅަށް މެޗެއް ކުޅެން ޖެހުނަސް އެންމެ ތަންފުކެއްވެސް ދޫ ނުދޭނެ ކަމަށެވެ.