އެއްވެސް ފަރާތަކުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އަދި ކޮރަޕްޝަންގެ ތުހުމަތެއް ކުރެއްވޭނަމަ، އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި ސަރުކާރުން އެކަންކަމުގެ ތެރެއަށް ވަދެ، ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޙަސަން ލުޠުފީއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު އެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމާއި، އޭސީސީގެ ރައީސް ލުތުފީ ވަނީ މަސައްކަތް ކުރެއްވުމުގައި ކުރިމަތިވާ ދަތިތައް ރައީސަށް ދަންނަވާފަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ އެމަނިކުފާނު ނެރުއްވާ ރިޕޯޓުތަކުގައި އަޅަން ދަންނަވާ ފިޔަވަޅުތައް ބައެއް އޮފީސްތަކުން ނާޅާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގައިވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ހުރިހާ ވުޒާރާތަކެއްގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތަކަށް އަޅަން އަންގާ ފިޔަވަޅުތައް އަޅައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން އަމަލުކޮށްގެން ކަމަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހާއި އޭސީސީން ކުރާ މަސައްކަތްތަކަށް އެމަނިކުފާނު ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.