09 Aug 2021, 11:47
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެންކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު މިހާރު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާއިރު، ފްލެޓުތައް ހަވާލު ކުރާނީ އެތަންތަނުގެ ފިނިޝިން މަސައްކަތް ނުނިންމާއެވެ.
އެހެންކަމުން ފިނިޝިންގެ މަސައްކަތަށް ހޭދަވާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކުލި ދައްކާކަށް ނުޖެހޭނެކަމަށް އެޗްޑީސީއިން ވަނީ މީގެ ކުރިން ބުނެފައެވެ. ކުލި ނުދައްކާ މުއްދަތު ގުނަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖެ ޓީވީ ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހައިލް އަހްމަދު ވިދާޅުވީ ހިޔާ ފްލެޓުތަކަށް ހިދުމަތް ދިނުމުގައި، ހާއްސަކޮށް ކަރަންޓު ދިނުމުގައި ލަސްތަކެއް ވެފައިވާކަމަށެވެ.
އެހެންނަމަވެސް މި މަހުގެ 17 އިން ފެށިގެން ފްލެޓުތަކަށް ދާއިމީކޮށް ކަރަންޓު ގުޅަން ހުޅުވާލެވިގެންދާނެ ކަމަށެވެ.
"ކުރިންވެސް އަޅުގަނޑުމެން އިއުލާނުކޮށްފަ އޮންނާނެ ތިން މަސްދުވަހުގެ މުއްދަތެއް ކުލި ނުހިނގާ ގޮތަށް އެތެރޭގަ ނިންމަން ހުރި ކަންތައް ނިންމަން،"
"އެހެންވީމަ އެ އަޅުގަނޑުމެން މި ބަލަނީ ސެޕްޓެމްބަރު އެކަކުން ފެށިގެން އެ މުއްދަތު ގުނަން ފަށާނީ." ސުހައިލް ވިދާޅުވިއެވެ.
އޭގެ އިތުރުން ފުލެޓު ލިބުނު ފަރާތްތަކުން ފުލެޓުތަކަށް ބަދަލު ގެންނަން ބޭނުންވާ ފަރާތްތަކުން ގެންނަން ބޭނުންވާ ބަދަލުތަކަކީ އެކަށީގެންވާ ބަދަލުތަކެއްތޯ ބެލުމަށްފަހު އެފަރާތްތަކަށް ހުއްދަ ދެމުންދާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަށް ހަވާލުކުރަން ފަށާފައިވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ ފިނިޝިން މަސައްކަތް ނުނިންމާ ހުރުމާއި ކުލި ބޮޑު ކަމުގެ މައްސަލައެވެ.
އެގޮތުން ފްލެޓްތަކުގެ ކުއްޔަށް 7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ބަހާލާފައިވަނީ ޖުމްލަ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށެވެ.