09 Aug 2021, 22:35
އަފްގާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން އެގައުމުގެ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.
އަފްގާނިސްތާނުގައި އެގައުމުގެ ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ތާލިބާނުން ވަނީ އެގައުމުގެ އިތުރު ތިން ސިޓީއެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އިއްޔެ އެޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔަ ސިޓީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޓީއަކަށް "ކުންޑުޒް" ވާއިރު، އެގައުމުގެ ޖުމްލަ ފަސް ސަރަހައްދީ ވެރިރަށެއް މިހާރު ވަނީ ތާލިބާނުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ކުންޑުޒް ސިޓީ އާއި ތަޖިކިސްތާނާ ދެމެދު އޮންނަ ބޯޑަރަކީ ސެންޓްރަލް އޭޝިއާ އަދި ޔޫރަޕް ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ އެންމެ މުހިންމު ރޫޓެވެ.
ހަމައެހެންމެ ކުންޑުޒް އަކީ އަފްގާނިސްތާނުގެ ގުދުރަތީ މައުދަންތައް އެންމެ ގިނަ ޕްރޮވިންސްތަކާ ގުޅިފައިވާ ސަރަހައްދަކަށް ވުމުން، އެސިޓީއަކީ މިއަހަރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔަ އެންމެ މުހިއްމު އެއް ސިޓީއެވެ.
އަފްގާނިސްތާނުގެ ގިނަ ހިސާބުތައް މިހާރު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށުގައި ވާއިރު އެޖަމާއަތުން ދަނީ އެގައުމުގެ އެހެން މުހިންމު ސިޓީތަކާއި ސަރަހައްދުތައްވެސް އެޖަމާއަތުގެ ބާރުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.
ތާލިބާނުގެ ދަށުގައިވާ ސިޓީތަކުގެ ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން އެހެންތަންތަނަށް ބަދަލުވާންޖެހިފައެވެ.