ތިލަފުށީ މާސްޓާ ޕްލޭން އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާ ބާރަށް ކުރިއަށްދާ ކަމަށާއި އަދި އެ މަސައްކަތުގެ ތެރެއިން ފުނަދޫ އޮއިލް ސްޓޯރޭޖް, ތިލަފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ކ. ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރާ އެންމެ ބޮޑު ސްޓޯރޭޖް ހުންނަ ރަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަގުތު ތިލަފުށީގެ ބޮޑު މިނަކީ 110 ހެކްޓަރު ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ތިލަފުށި ވެގެންދާނީ މާލެ ސަރަހައްދުގެ ސިނާއީ މަސައްކަތުގެ ހަބަކަށް ކަމަށާއި އެހެންކަމުން ތިލަފުށި އިތުރަށް ބޮޑު ކުރަން އެތަނަށް ތައްޔާރުކުރާ މާސްޓާ ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.

"ތިލަފުށި އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ގްރޭޓާ މާލެ ސަރަހައްދުގެ އިސްޑަސްޓްރިއަލް ހަބުގެ ގޮތުގަ. ކުރިންވެސް އެކަން ކުރެވެމުން ދިޔަ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ އެއަށްވުރެ އޮގަނައިޒްޑް ގޮތަކަށް އެކަން ކުރުން،"

"އެހެންވީމަ އަލަށް އަޅުގަނޑުމެން ތިލަފުށި ފަޅުން އިތުރަށް 130 ހެކްޓަރު ބިން ހިއްކަން މި އުޅެނީ. މިހާރު ތިލަފުށީގަ ހިއްކިފަ އިނީ ގާތްގަނޑަކަށް 110 ހެކްޓަރު،"

"އޭގެ ތެރެއިން ފުނަދޫ އޮއިލް ސްޓޯރޭޖްވެސް ތިލަފުއްޓަށް މޫވް ކުރާ ގޮތަށް މާސްޓާ ޕްލޭން ހަދަމުން މިދަނީ،" ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އަލަށް އެކުލަވާލާ މާސްޓާ ޕްލޭންގެ ދަށުން ތިލަފުށިން އަލަށް ހިއްކާ ބޮޑު ސަރަހައްދު ބޭނުން ކުރާނީ ސިނާއީ ލުއި މަސައްކަތްކުރާ ސަރަހައްދެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ އިތުރުން ގުޅީފަޅުގައި ހަދާ ޕޯޓު ނިމިގެންދާއިރު ހިލަޔާ އާއި ހިލަވެއްޔާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު އެތަނުގައި ނުހިމެނޭތީ އެފަދަ ސާމާނުވެސް އަންނާނީ ތިލަފުށީގައި އަލަށް ހިއްކާ ސަރަހައްދަށް ކަމަށެވެ.

"މި ބަލަނީ ހުޅުމާލޭގަ އިންނަ ކަހަލަ ލައިޓް އިންޑަސްޓްރިއަލް އޭރިއާއެއް ހަދަން. އަދި އިތުރަށް ތަންކޮޅެއް ބޮޑެތި ބިން ދޫކުރެވޭ ގޮތަށް މެނުފެކްޗަރިން ކަންތަކަށްވެސް އެބަ ބިން ކަނޑައަޅަން,"

"އަދި އިތުރަށް ގުޅީފަޅު ޕޯޓު ހެދިގެންދާއިރު ހިލަޔާ ހިލަވެރި ކަހަލަ އެއްޗެހި އެތަނަކު ނުހިމެނޭ. އެހެންވީމަ އެވެސް އިންނާނީ ތިލަފުށީގަ ހިމެނިފަ،" ސުހައިލް ވިދާޅުވިއެވެ.

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ، ފުނަދުއަކީ އެކަމަށް އެންމެ ރަނގަޅު ރަށް ނޫން ކަމަށް ސަރުކާރާއި އެސްޓީއޯ އިން ގަބޫލުކުރާ މީގެ އަށް އަހަރުކުރިން އޭރުގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ ވިދާޅުވެފައެވެ.

އަދި އެގޮތުން މާލެ ސަރަހައްދުގައި ތެޔޮ ރައްކާ ކުރަން ރަށެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ޝާހިދު ވަނީ އޭރު ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވެފައި ވަނީ އެސްޓޯއިން ވިސްނާފައި އޮތީ ތިލަފުށި ކައިރި އޮންނަ ފަޅެއްގައި ތެޔޮ ރައްކާ ކުރާނެ ތަނެއް ހެދުމަށް ކަމަށެވެ.