ބާސެލޯނާގެ ކުރީގެ ތަރި އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމާން (ޕީއެސްޖީ) އާއި ގުޅުމަށް އެކުލަބުން ރަސްމީ ސިފައެއްގައި ހުށައަޅައިފިއެވެ.

ބާސެލޯނާ އަދި މެސީވެސް ވަނީ އާ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމައި އެކަމަށް ތައްޔާރުވެފައެވެ. އެހެހްނަނަމވެސް ބާސެލޯނާގެ ކުޅުންތެރިންގެ މުސާރަ ލަލީގާއިން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން ކުލަބަށް ވަނީ މެސީ ރެޖިސްޓާ ކުރުމުގައި ނާކާމިޔާބުވެފައެވެ.

އެއާެކު ބާސެލޯނާގެ ރައީސް ހޯން ލަޕޯޓާ އަދި މެސީވެސް ވަނީ ވަކި ވަކިން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވައި މެސީ ކުލަބާއި ވަކިވާނެކަން ކަށަވަރުކޮށްދީފައެވެ.

ސްޕެނިޝް ލީގު ގަވާއިދު ބުނާ ގޮތުން ނަމަ ކޮންމެ ކްލަބެއްގެވެސް މުސާރަ ބަޖެޓު ވަކި ވަރަކަށް ވުރެ ބޮޑު ވެގެން ނުވާނެއެވެ. މެސީ ބާސާ އާއެކު އާކޮންޓްރެކްޓެއްގައި ސޮއި ކުރުމުން މިއަދަދަށްވުރެ އިތުރުވެގެންދެއެވެ.

މެސީ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޭނާ ޕީއެސްޖީއަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ. އެހެންނަމަވެސް އެއީ އަދި އެއްވެސް ގޮތެއް ނިންމާފައި އޮތް ކަމެއް ނޫންކަމަށް މެސީ ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުންނަމަ މެސީ ޕީއެސްޖީއަށް ބަދަލުވުމަށް ވަނީ ރަސްމީ ގޮތުން ހުށަހެޅުމެއް ލިބިފައެވެ. އަހަރަކު 35 މިލިއަން ޔޫރޯގެ މުސާރައަކާއެކު ޕީއެސްޖީގެ ހުށަހެޅުން ލިބިފައިވާއިރު، އިތުރު ދެ ހުށަހެޅުމެއްވެސް މެސީއަށް ލިބިފައިވާކަމަށް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

ގިނަ މީޑިއާތަކުން ބުނާގޮތުގައި މެސީ ބޭނުންވަނީ ޕީއެސްޖީއަށް ބަދަލުވުމަށެވެ. އަދި މެސީ ވަރަށް އަވަހަށް ޕީއެސްޖީގައި މެޑިކަލްއެއް ހަދާނެކަމަށްވެސް ވަނޫ ރިޕޯޓްކޮށްފައެވެ.

ޕީއެސްޖީއަށް ބަދަލުވެއްޖެ ނަމަ މެސީ އަނެއްކާވެސް އޭނާގެ ގާތް އެކުވެރިޔާ ނޭމާއާއިއެކު އެއްޓީމަކުން ފެނިގެންދާނެއެވެ. އަދި މެސީ، ނޭމާ، ޑި މާރިއާއާއި އެމްބާޕޭ ހިމެނޭގޮތަށް ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެޓޭކިން ލައިނަޕް މި ސީޒަނުގައި ޕީއެސްޖީއިން ފެނިގެންދާނެއެވެ.