މިއަދުން ފެށިގެން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ އެސްޓްރާޒެނެކާ ވެކްސިން އެޕޮއިންޓްމަންޓަކާނުލާ ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދާ ހުރިހާ ސެންޓަރަކުންވެސް ވެސް މި ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެހެންނަމަވެސް ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ކުރިން އެޕޮއިންޓްމަންޓް ހައްދާފައި ތިބި މީހުންނަށް ކަމަށް އެ އެޖެންސީ އިން ބުންޏެވެ.

މީގެ ކުރިން މި ވެކްސިން ގެނައުމަށް ފަހު އެންމެ ފުރަތަމަ މި ވެކްސިންގެ ޑޯޒްތައް ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މާލޭ ސަރަހައްދުގައި މި ވެކްސިން އެޕޮއިންޓްމަންޓަކާ ނުލާ ޖަހައިދޭނީ އިސްލާމީ މަރުކަޒު، ސޯޝަލް ސެންޓަރު އަދި އާޓް ގެލަރީގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލުގައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންކަން ހަލުވިކަމާއެކު ކުރިޔަށް ދާއިރު މިހާރު ކުރިޔަށް މި ދަނީ ވެކްސިން ޖެހުމުގެ އެންމެ ފަހު ކެމްޕެއިނެވެ.

އެގޮތުން މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ދީ ނިންމުމަކީ އެންމެ ބޮޑު އަމާޒުކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހަމައެއާއެކު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ. އެގޮތުން މި އުމުރުފުރައިގެ ކުދިންނަށްވެސް މި މަސްތެރޭ ވެކްސިން ދިނުމުގެ ކަންކަން ފަށާނެކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

އަދި މި ހަފްތާ ތެރޭ ސްކޫލް ދަރިވަރުންނަށްވެސް ވެކްސިން ދިނުމުގެ ކެމްޕެއިންވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ކަންކަން ކުރެވެމުން އަންނަ އިރު މިއަދު ވެކްސިން ގެ އިތުރު ޝިޕްމަންޓެއް އެމެރިކާއިން އަންނާނެކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.