08 Aug 2021, 23:45
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ގެ ދެ ޑޯޒް މިއަދު 1،676 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު 284،329 އަށް ވަނީ އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ވެކްސިންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު 1،101 މީހުން ވަނީ ޖަހާފައެވެ. އަދި އެއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 330،504 އަށް ވަނީ އިތުރުވެފައެވެ.
މިވަގުތު ރާއްޖޭގައި ވެކްސިން ދެމުން އަންނަނީ ޖުމްލަ 182 ސެންޓަރެއްގައެވެ. އެއީ އަތޮޅު ތެރޭގެ 176 ސެންޓަރެއްގައާއި މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައެވެ. މީގެ އިތުރުން މޯބައިލް ޓީމްގެ ތިން ޓީމެއްވެސް މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް 113 ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް 19 ކޭސް ވަނީ ފެނިފައެވެ. އަތޮޅުތަކުން 71 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 23 މީހުން މިއަދު ވަނީ ޕޮޒިޓިވް ވެފައެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 78،356 ވަނީ އިތުރުވެފައެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،577 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 22 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން 75،545 މީހުން ކޮވިޑުން ވަނީ ރަނގަޅުވެފައެވެ. އަދި ރާއްޖެއިން ޖުމްލަ 222 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވަނީ އެދިފައެވެ.