21 Feb 2012, 12:59
މުޅި ދުނިޔޭގައި މިދިޔަ އަހަރު ކޮށްފައިވާ މުޒާހަރާތަކުން ގޮވާލާފައި އެވަނީ އިޖުތިމާއީ އިންސާފަށް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޖުތިމާއީ އިންސާފުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާންކީ މޫން އިއްޔެ ދުނިޔެއަށް ދެއްވި މެސެޖްގައި ފާހަގަކުރައްވާފައި ވަނީ މީހުންނަށް އިޖުތިމާއީ އިންސާފު ކަށަވަރު ކުރުމަށް އިގުތިސާދީ ގޮތުން ކުރިއެރުން ހޯދުން މުހިއްމު ކަމަށެވެ.
" ފާއިތުވި އަހަރު، ބަދަލުގެ ވައި ވަނީ މުޅި ދުނިޔެއަށް ޖެހިފައި، [އެގޮތުން] ގިނަ ގައުމުތަކާއި ސިޓީތަކުގައި ވަނީ މުޒާހަރަރާތައް ކޮށްފައި،" ބާންކީ މޫންގެ މެސެޖްގައި ވެއެވެ. " މީހުންގެ މި ހަރަކާތްތެރިކަމުގެ މެދު ތެރޭގައި ވަނީ އިޖުތިމާއީ އިންސާފަށް ގޮވާލާ ގޮވާލުމެއް،"
ބާންކީ މޫން އަދި ވިދާޅުވެފައި ވަނީ ގައުމުތަކު ތަރައްގީގެ ސްޓްރެޓެޖީތަކާއި ވިޔަފާރީގެ އުސޫލުތަކާ މެދު އަލުން ވިސްނާލުމުގެ ފުރުސަތެއް، އަންނަ އަހަރު ޖޫން މަހު ބްރެޒިލްގެ ވެރިރަށް ރިއޯޑިޖެނީރޯގައި ބާއްވާ ޔޫއެން ކޮންފަރެންސް އޮން ސަސްޓެއިނަބްލް ޑިވެލޮޕްމެންޓްގައި ގައުމުތަކުގެ ސަރުކާރުތަކަށާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އިޖުތިމާއީ އިންސާފު އެންމެ ފުރިހަމައަށް ލިބޭނެ ގޮތަކަށް ތަރައްގީގެ މަގުތައް ކޮށުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބާންގެ މެސެޖްގައި ގޮވާލައްވާފައި ވެއެވެ.
ފާއިތުވި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގައި، ގިނަ ގައުމުތަކެއްގެ ވެރިކަން ވެސް ވަނީ ބަދަލުވެފަ އެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ލީބިޔާއާއި ތޫނިސްއާއި މިސްރު ހިމެނެ އެވެ.