09 Aug 2021, 09:52
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ޕާޓީއިން ވަކި ކުރި މައްސަލައިގަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުން އިންސާފު ނުލިބެއްޖެނަމަ އެ މައްސަލައިގައި ކޯޓަށްވެސް ދާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގައި ގިނަ ދުވަސްތަކެއް ވަންދެން ޝުއައިބުގެ މައްސަލަ އޮތުމަށްފަހު މިހާރު އޭނާ ވަނީ ރަސްމީކޮށް ޕާޓީއިން ވަކިކޮށްފައެވެ. ޕާޓީއިން ވަކި ކުރުމާއި ގުޅިގެން ޝުއައިބު މިހާރު ވަނީ އެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް ހުށަހަޅަން ނިންމާފައެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ޝުއައިބު ވިދާޅުވީ އޭނާގެ އުންމީދު ކުރަނީ އިސްތިއުނާފު މަރުހަލާގައި ކާމިޔާބު ލިބޭނެ ކަމަށެވެ. ޝުއައިބު ވިދާޅުވީ އޭނާ ގާބޫލުކުރާ ގޮތުގައި އެ ޕާޓީއެއް އުފެއްދުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީއިން އޭނާ ވަކިކޮށްފައިވަނީ ޕާޓީގެ އުސޫލުތަކާއި ހިލާފަށްކަމަށެވެ.
އޭނާ ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިހާތަނަށް ނިންމާފައި ހުރި މައްސަލަ ތަކަށް ބަލާއިރު އޭނާގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން އޭނާއަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝުއައިބް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން އަޅުގަނޑަށް ވިން ވާނެކަން. އެއީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އެބަހުރި ފިޔަވަޅު އަޅާ ކޮމެޓީން ކަނޑާލި ބައެއް މީހުންނާ އެއްކޮޅަށް ނިންމާދީފަ. މިސާލަކަށް ޖާބިރު ކަނޑާލީމަ އަލުން އޭނާ އާ އެއްކޮޅަށް އެ މައްސަލަ ނިންމައިދިން. އެކަން ނުވެއްޖަމަ ދެން އޮންނާނީ ކޯޓު މަރުހަލާ އިންގޭތޯ،" ޝުއައިބު ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިކުރީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މައްސަލައިގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫނު ކުރަހާ، ސޯޝަލް މީޑިއާގައި އާންމު ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.