08 Aug 2021, 22:37
އެކާވީސް އަހަރަށް ފަހު ލިއޮނެލް މެސީ ބާސާ ދޫކޮށްލައިފިއެވެ. ވަދާއީ ޕްރެސް މެސީ ކުރިއަށް ގެންދިޔައީ ހިތާމައިގެ ކަރުނައިން ފުރިގެން ހުރެއެވެ.
ކަރުނުން ފުރިފައިވާ މެސީ ޕްރެސްގައި ވާހަކަ ދައްކަމުން ދިޔައިރު އޭނާ އާއި ބާސާއިންވެސް ތިބީ އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރަށެވެ. ނަމަވެސް ބާސާއަށް ކުރިމަތިވެފައިވާ ފައިސާގެ މައްސަލަތަކާއެކު ސްޕެންޝް ލީގުން އެކަމަށް ހުރަސްއެޅިއެވެ.
"މިއީ ވަރަށް އުނދަގޫ ވަގުތެއް. އަހަރެން ހުރީ މިކަމަށް ތައްޔާރުވެގެނެއް ނޫން. މިދިޔަ އަހަރު އަހަރެން ހުރީ ބަސާ ދޫކޮށް ދާން ތައްޔާރަށް އެކަމަކު މިއަހަރު އަހަރެން ހުރީ މަޑުކުރަން ތައްޔާރަށް،" ޕްރެސްގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.
މެސީގެ ލެގަސީ
ބާސާ ދޫކޮށްލާއިރު މެސީއަކީ އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ. 778 މެޗުން 672 ގޯލު ޖަހައި މެސީ ވަނީ ބާސާގެ ސަޕޯޓަރުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ހޯދާފައެވެ.
ބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. ބަސާގައި ހޭދަކުރި ދުވަސަތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު އަދި 2020-21 ވަނަ އަހަރުގެ ކޮޕަ ޑެލް ރޭ ހިމެނެއެވެ.