08 Aug 2021, 19:46
ދިވެހި ބަހުގެ އެކެޑަމީގެ ތިންވަނަ ދައުރުގެ ރައީސްއަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންފިއެވެ.
ޑރ. އަޝްރަފް ވަނީ މިއަދު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމާ ހަވާލުވެވަޑައިގެންފައެވެ. ޑރ. އަޝްރަފާއެކު ދިވެހި ބަހުގެ އެކަޑެމީގެ ނައިބު ރައީސާއަކަށް އިންތިހާބުވެވަޑައިގަތީ ޒުލްފާ އިބްރާހީމެވެ.
ދިވެހި ބަހުގެ އެކެޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން މިއަދަށް ދައުރު ހަމަވި ތިން ބޭފުޅުންގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. އަޝްރަފާއި ޒުލްފާ ހިމެނިވަޑައިގަންނަވައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އެކެޑަމީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަބްދުއްރަޝީދު ހުސައިނާއި ދަފްތަރު ނަންބަރު 8255، އިޔާޒު ޖާދުﷲ ނަސީމާއި މ. ޑައިމަންޑްވެލީ، މުހައްމަދު ޝާހިދު ހަލީމެވެ.
މިއަދަށް ދައުރު ހަމަވި ބޭފުޅުންނަކީ ނިދިމިޔަ ދައުރުގެ ރައީސް އަޝްރަފް އަލީ އާއި، ރާފިއާ އަބްދުލްގާދިރު އާއި މުހައްމަދު ޝާހިދު ހަލީމެވެ.
މިއަދު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑރ. އަޝްރަފް "ސަން"އަށް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނިމިދިޔަ ދައުރުގެ ރައީސް އަޝްރަފް އަލީ ފައްޓަވާފައިހުރި މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަންދޭންވީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންތައްތައް ކުރިއަށްގެންދިޔުން ކަމަށެވެ.
"10 އަހަރު ރައީސަކު ހުންނެވިއިރު ވަރަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައި އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި އެބަހުރި. އެ ކުރައްވާފަ ހުރި ކަންތައްތަކާއި ފައްޓަވާފަ ނުނިމިހުރި ކަންތައްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަންދޭންވީ ކޮން ކަންތައްތަކަށްތޯ ބަލައި އެކަންތައްތަކަށް އިސްކަންދީގެން ތާވަލެއް އެކުލަވާލައިގެން ކުރިއަށްދާނީ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
"ދިވެހި ބަހުގެ އެކެޑަމީއަކީ ގާނޫނެއްގެ ދަށުން އުފެދިފައިވާ މުއައްސަސާއެއް. ގާނޫނުގައި މި މުއައްސަސާއަށް މަތިކޮށްފައި އެބަހުރި ވަކިކަހަލަ ޒިންމާތަކެއް. މަސްއޫލިއްޔަތުތަކެއް. އެހެންވީމަ އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިވެހި ސަރުކާރުގެ ސިޔާސަތާއެއްގޮތްވާ ގޮތަށް އެކަންކަން ތަންފީޒު ކުރެވެން އޮތީ ކޮންކޮން ގޮތްތަކަކަށްތޯ ބަލައި އެކަންކަމަށް އެންމެ ބޮޑަށް ފޯކަސް ކުރަން އަޅުގަނޑު ބޭނުންވަނީ."
ޑރ. އަޝްރަފް ވިދާޅުވީ އޭނާ ބޭނުންފުޅުވަނީ ދިވެހިބަހަށް އިސްކަންދިނުމުގެ ގާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރައްވަން ކަމުގައެވެ.
ޑރ. އަޝްރަފަކީ މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (ބިޒްނަސް އެޑްމިނިސްޓްރޭޝަން) ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. ހަމަ އެއާއެކު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން މާސްޓާސް އޮފް މެނޭޖްމަންޓާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން، ދިވެހި ބަހުގެ ޑިގުރީ ފުރިހަމަ ކުރައްވާފައެވެ.
މީގެ އިތުރުން ޑރ. އަޝްރަފަކީ ދިވެހި ބަހުގެ ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައި ވެއެވެ.