21 Feb 2012, 12:06
ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ތިން ފަރާތެއްގެ މައްޗަށް ދައުވާކުރުމުން އެފަރާތްތަކުން ސަރުކާރަށް ފައިސާ ދައްކައިފި އެވެ.
މީރާއިން ބުނީ ސަރުކާރަށް ދައްކަން ހުރި ކުއްޔާއި އޭގެ ޖޫރިމަނާއަށްވާ ފައިސާ އެއްކޮށް ދައްކާ ހަލާސްކުރީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ގއ. ފުނަމައުއްޑުއާއިންނެވެ. އަދި މޯލްޑިވްސް މިސްޓިކް ސަފާރީ އާއި ޕްރިންސަސް ދޮންކަމަނައިން ވަނީ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފަ އެވެ.
މީރާއިން ބުނީ އެ ތިން ފަރާތުން ފައިސާ ދެއްކުމުން އެ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަމަށެވެ.
ފުނަމައުއްޑުއާއިން މީރާއަށް ދެއްކީ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ 634،753.45 ޑޮލަރެވެ. އަދި ދޮންކަމަނަ ސަފާރީން ޓެކްސްގެ ގޮތުގައި 1296 ޑޮލަރު ދެއްކިއިރު ޖޫރުމަނާގެ ގޮތުގައި 20،000ރ. ދެއްކި އެވެ. އަދި މިސްޓިކް ސަފާރީން ޓެކްސްގެ ގޮތުގައި 3656 ޑޮލަރު ދެއްކިއިރު ޖޫރިމަނާގެ ގޮތުގައި ދެއްކީ 74،000ރ. އެވެ.
ފައިސާ ނުލިބިގެން މިރާއިން މިހާރު ވެސް 27 ފަރާތެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.