08 Aug 2021, 17:34
ދިރިއުޅޭ ރަށްރަށަށް ގޮސް ކިޔަވައިދޭ ޓީޗަރުންނަށް އެލަވަންސްއެއް ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު އަލީ ވިދާޅުވީ، ބޮޑެތި ރައްރަށުގައި ގުރުއާން އިސްލާމް ކިޔަވައިދެއްވާ ޓީޗަރުން އެބަތިބި ކަމަށާއި، ނަމަވެސް ކުދި ރަށްރަށަށް ޓީޗަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި، އަޅުގަނޑުމެންގެ އެދުމަަކަށް އެހެން ރަށަކަށް ގޮސް ކިޔަވައިދޭނެ މުދައްރިސެއްވެއްޖެއްޔާ އިތުރު އެލަވަންސް އެއް އެބޭފުޅަކަށް ދޭން. މިހާރު އޮތީ އެކަން ހަަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ޓީޗަރުން ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާއި އިސްލާމީ މަރުކަޒާ ގުޅިގެން 200 މުދައްރިސުން ތަމްރީނު ކުރަން ހަމަޖެހިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ ތެރެއިންވެސް ގުރުއާން ޓީޗަރުން ނުލިބޭ ރަށްތަަކަށް އިސްކަމެއް ދެއްވާނެކަމަށް ފާހަގަ ކުރެއްވިއެވެ.
މުދައްރިސުން ތަމްރީނު ކުރާ ތަންތަނާ ގުޅިގެން ކުރިއަށް އޮތް 10 އަހަރަށް މުދައްރިސުން ބޭނުންވާ ދާއިރާތަކަށް މުދައްރިސުން ތަމްރީނު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައިވެއެވެ.