އަންނަ އަންގާރަ ދުވަހު ފެށޭ ދިރާސީ އާ އަހަރާއެކު ތައުލީމީ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ތައުލީމީ ދާއިރާއާ ގުޅުންހުރި ވަރަށް މުހިންމު ކަމެއްކަމަށެވެ.

"މިކަމާ ގުޅިގެން އަޅުގަނޑުމެންގެ އެބަހުރި އަދި އެކްޓިވިޓީތަކެއް ރާވާލާފައި. އޭގެ އިތުރު މައުލޫމާތު އަޅުގަނޑުމެން ދެމުން ގެންދާނަން މި މަހުގެ 10 ވަނަ ދުވަހުން ފަށައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމާ ބެހޭ ގާނޫނަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ތައާރަފްކުރި ގާނޫނެކެވެ.

އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަކީ މި ގާނޫނުގެ އެއް މަގްސަދެވެ. އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.

މި ބިލް ބުނާގޮތުން ރާއްޖޭގައި ޕްރީސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެއެވެ.

ރާއްޖޭގައި އުޅޭ ހަތަރު އަހަރާ 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމް އުނގެނުން ލާޒިމްވާނެ ކުއްޖެއް ކަމަށާއި ޕްރީސްކޫލު ތައުލީމްވެސް ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެއެވެ.