08 Aug 2021, 15:05
ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑުގެ ނަމުގައި ހާއްސަ ކާޑެއް ތައާރަފްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފިއެވެެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު އައްޒަ ވިދާޅުވީ މި މަހުގެ ނިޔަލަށް ސްކޫލްތަކާއި ގުޅިގެން މި ކާޑު ތައާރަފްކުރެވޭނެކަމަށެވެ.
"މިއަށް އަޅުގަނޑުމެން މި ކިޔަނީ ގްރީން ކާޑް. ދެން އަޅުގަނޑުމެން ބަލާނީ ސްކޫލްތަކުން އެންމެ ފަސޭހަގޮތަށް އަޅުގަނޑުމެންނަށް އެ ތައާރަފްކުރެވޭނީ ކިހިނެތްތޯ." އައްޒަ ވިދާޅުވިއެވެ.

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އައްޒަ ވިދާޅުވީ މި ކާޑުގެ ސަބަބުން ދަރިވަރުން ބަލާ ބެލެނިވެރިން އަންނައިރު ބެލެނިވެރިން ވެކްސިން ޖަހާފައިވާކަން ޔަގީންކުރެވިގެންދާނެކަމަށެވެ.
ހަމައެއާކު މިހާރު ސްކޫލްތަކާއި ގުޅިގެން އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެކްސިން ޖަހާފައިވާކަން ޔަގީންކުރުމުގެ ގޮތުން ބެލެނިވެރިންނަށް ގްރީން ކާޑު ތައާރަފްކުރުމަށް ނިންމާފައިވާއިރު ވެކްސިން ނުޖަހާ މީހުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަނުން ވަނީ މަނާކޮށްފައެވެ.