ރުވާންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ އައު ސަފީރު ޖެކުއަލިން މުކަންގިރާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރުވާންޑާގެ އައު ސަފީރަށް ރައީސް ސޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ރުވާންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ރުވާންޑާގެ ސަފީރުގެ ދައުރުގައި މި ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރުވާންޑާގެ ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރުވާންޑާގެ ރައީސް ޕޯލް ކަގާމޭގެ ފަރާތުން ހެޔޮއެދުންތައް އަރިސްކޮށްފައެވެ. އަދި، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވި ވަޑައިގަންނަވާފައިވާތީ އެކަމަށް މަރުހަބާ ދެންނެވިއެވެ.

އޭގެ އިތުރުން، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއާ ރުވާންޑާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ފާހަގަ ކުރެެއްވިއެވެ.