ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިސްތިއުފާއަކީ ސައްހަ އިސްތިއުފާއެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ލޮނުޒިޔާރަތް ކޮޅުގައިކުރާ މުޒާހަރާގެ ތެރޭގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އަފީފު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ މަޖުބޫރު ކުރުވައިގެން ކަމަށާއި އެހެން ކަމުން އެ އިސްތިއުފާ ސައްހަ ނުވާނެ ކަމަށެވެ.

"މަޖުބޫރު ކަމެއްގެ ތެރެއިން އިސްތިއުފާ ދީފި ކަމަށްވާ ނަމަ އެ އިސްތިއުފާ ސައްހައެއް ނުވާނެ. އެހެންވީމާ ރައީސް [ނަޝީދު] ދެއްވާފައިވާ އިސްތިއުފާއަކީ އެއްވެސް ހާލެއްގައި ސައްހަ އިސްތިއުފާ އެއްނޫން،" އަފީފު ވިދާޅުވި އެވެ.

ނަޝީދުގެ ސަރުކާރު ބަދަލުކުރުމުގައި ހިންގާފައިވާ ކަންކަން ތަހުގީގު ކުރަން ޖެހޭނީ ރާއްޖެ އިން ބޭރުގެ މިނިވަން ފަރާތަކުން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އެއްވެސް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށެވެ.


ޕެނަލް ޑިސްކަޝަންގައި ބައިވެރިވެ ވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވެސް ވިދާޅުވީ ނަޝީދު ދެއްވާފައި ވަނީ ސައްހަ އިސްތިއުފާ އެއްނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުން މަޖިލީހަށް ސިޓީ ފޮނުއްވާފައި ވަނީ ވެސް އެކަން ކުރައްވަން ޖެހޭ ގޮތަށް ނޫން ކަމަށެވެ.

"ސިޓީ ލިޔުނީމާ ދެން ޖަހައިގަނެގެން ގެންދިޔައީ އަޅުގަނޑުމެން މި މި ދަންނަވާ ހައިސިތެއް ނެތް މީހުން. ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެ ކޮންމެ އިރެއްގައި ވެސް އެ ސިޓީ އަނބުރާ ގެނައުމުގެ އިހުތިޔާރު. އެ އިހުތިޔާރު ހިނދުކޮޅަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއަތުން ނިގުޅައިގަނެވިއްޖެ ކަމަށްވާ ނަމަ އެ އިސްތިއުފާއަކީ ސައްހަ އިސްތިއުފާއެއް ނޫން. އެ ޕޮރޮސެސް ގޮސްފައި އެ އޮތީ ރަނގަޅަކަށް ނޫން. އެހެންވީމާ މި ދަންނަވަނީ އެ މައްސަލަ ތަހްގީގުކޮށް ބަލާށޭ. އެ އިސްތުއުފާއަކީ ސައްހަ އިސްތިއުފާއެއް ނޫން." ހަސަން ލަތީފް ވިދާޅުވި އެވެ.