މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހައިކޯޓުން އެ އަމުރަށް ތާއީދުކުރީ ޕެސްޓުގެ ފަރާތުން ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހުއެވެ.

އެ ހުކުމްކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އެ ކޯޓުގެ ގަޒިއްޔާއަކުން މީގެކުރިން ކަނޑައަޅާފައިވާ ގޮތުގައި ބަންދާ މެދު ގޮތެއް ނިންމާއިރު ދެ ކަމަކަމަކަށް ބަލަންޖެހޭ ކަމަށެވެ.

ފުރަތަމަ ކަމަކީ ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް
ބާރުދޭ ހެކި ހުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. އަދި ދެވަނަ ކަމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި މީހަކު ބަންދުގައި ބެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތެއް ވުޖޫދުވެފައި ވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

އެގޮތުން އެ މައްސަލާގައި ޕެސްޓްއާ ގުޅުންހުރި ގެއަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.

ޕެސްޓް ބައިވެރިވެގެން ކަނޑު ދަތުރުކުރާ ބޯޓަކަށް އެރުވި ވޯޓާ ޓޭންކުގެ ތެރެއިން ޓްރެފިކިން މިންގަނޑަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހަމައެހެންމެ އެ މައްސަލައާ ގުޅުންހުރި ސީސީޓީވީ ފްޓޭޖްތަކެއް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވަނީ ޕެސްޓުގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކެއް ހުރި ކަމަށް ބަލަންޖެހޭ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަތައް ބަލައި ކްރިމިނަލް ކޯޓުން އަދި ހުކުމް އިއްވާފައެއްނުވެއެވެ.