09 Aug 2021, 13:06
ހދ. ނޮޅިވަރަންފަރުގެ ފަޅުތެރޭގައި ޒަމާނުއްސުރެ އޮންނަ ފިނޮޅެއް ގެއްލިއްޖެއެވެ. އެ ފިނޮޅަކީ އެރަށު މީހުން ހަދާންހުންނަ އިރުއްސުރެންވެސް އޮންނަ ފިނޮޅެކެވެ. ރަށު މީހުން ފަތާފަވެސް ގޮސް ޕިކްނިކް ހަދާ، މަޖާ ކުރަން އާންމު ތަނެކެވެ. އެ ފިނޮޅު ކުއްލިއަކަށް ގެއްލުމުން އެހާ ބޮޑު ހައިރާންކަމެއް ރަށު ރައްޔިތުންނަށްވެސް ލިބުނީ އެއީ އެރަށު ރައްޔިތުންގެ ލޯމައްޗަށް އަބަދުވެސް ފެންނަން އޮންނަ ތަނަކަށްވީމައެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ސަން" އަށް ކިޔައިދިން ގޮތުގައި އެ ފިނޮޅު ނުފެންނަ ދުވަހެއް މަދުވާނެއެވެ. އަދި އެއީ ދުވަހަކުވެސް މިޒާތަށް މީގެ ކުރިން ގެއްލުނު ތަނެއް ނޫނެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ ރަށު ފަޅުތެރޭގައި އޮތް ފިނޮޅު ގެއްލުނު ހަނދާންހުރި އެއްވެސް މީހަކު އެރަށުގައި ނެތް ކަމަށެވެ. އެ ފިނޮޅަކީ ރާއްޖޭގައި ކޮލެރާފަދަ ބަލިތައް އާންމުވި އިރުގައިވެސް ރަށުން ބޭރުން އަންނަ މީހުން ކަރަންޓީނުކުރަން ބޭނުންކުރި ތަނެއްކަމަށް ނަދީމް ވިދާޅުވިއެވެ.
"މި ރަށަކު ނެތް އެ ފިނޮޅު ނޯންނަ އިރެއް ހަނދާން ހުންނަ މީހެއް. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެވެސް އެ ފިނޮޅު އަބަދުވެސް ފެންނަން އޮވޭ،"
"އޮންނަ އެއްތާކު ނުއެއް އޮންނާނެ. އޮންނަތަން އަބަދުވެސް ބަދަލުވާނެ. އެކަމަކު އަލަށް އަދި އެ ގެއްލުނީ،" ނަދީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ފަޅުތެރޭގައި ފިނޮޅު އޮތް ސަރަހައްދު --ފޮޓޯ/ އަބްދުﷲ ނަދީމް
އެ ފިނޮޅު އެއްކޮށް ގެއްލިފައިވަނީ އެންމެ ފަހުން މޫސުން ގޯސްވެގެން ކުރި ބޯ ވިއްސާރައިގެ ފަހުންކަމަށްވެސް ނަދީމް ވިދާޅުވިއެވެ. ގެއްލެން މެދުވެރިވި ސީދާ ސަބަބެއް ނޭނގެއެވެ. އެހެންނަމަވެސް އެކަން ދިމާވާން މެދުވެރިވެދާނެ ތިން ކަމެއް ނަދީމް ކިޔައިދިނެވެ.
އެގޮތުން ނަދީމް ވިދާޅުވީ ރަށުގެ ބަނދަރު ހެދިފަހުން އިކޯސިސްޓަމްއަށް ވަރަށް ބޮޑު ބަދަލެއް އައިކަމަށެވެ.
"ފިނޮޅު އޮންނަތައް އަބަދުވެސް ބަދަލުވާނެ. އެތާ އިމާރާތެއްވެސް ނެހެދިފަ ހުރީ އެހެންވެގެން. ކައުންސިލުން ހަމަ ބަޖެޓެއްވެސް ކަނޑައަޅާ. އިމާރާތެއް ނުހެދި ހުރީ އެ ތަނަކީ ބަދަލުވާ ތަނެއްވީމަ،" ނަދީމް ވިދާޅުވިއެވެ. ނަދީމް ކިޔައިދިން ވާހަކަތަކަކީ ރާއްޖޭގައި އާންމުކޮށް ދިމާވާކަމެކެވެ.
އޮޔާއި ވައި ހުންނަ ގޮތުން ރަށްރަށަށްވެސް މިހެންވެއެވެ. ރަށުގެ އެއް ފަރާތް މާ ބޮޑަށް ގިރާލާއިރު، އެ ހުރިހާ ވެއްޔެއް އޭގެ އަނެއް ފަރާތަށް ޖަމާވާ ފަހަރުފަހަރުވެސް އާދެއެވެ. ނޮޅިވަރަންފަރުގެ ފިނޮޅަށްވެސް ހަމަ އެހެން ވެއެވެ.
އެހެންނަމަވެސް ބަނދަރު ހެދުމުގެ ފަހުން ފިނޮޅު އޮންނަ ތަން އެހެންފަހަރު ފަހަރާ ތަފާތުކޮށް ބަދަލުވެގެން ދިޔަ ކަމަށް ނަދީމް ވިދާޅުވިއެވެ.
"ފިނޮޅު އަބަދުވެސް އޮންނާނީ ބޮޑަށް އުތުރު ފަޅިއަށްވާ ގޮތަށް. އެކަމަކު އެންމެ ފަހާ ޖެހެންދެންވެސް ފިނޮޅު އޮތީ ވަރަށް ބޮޑަށް ދެކުނުގަ. ކުރިން ދޯނި ފަހަރު ދަތުރު ކުރާއިރު ފިނޮޅަށް ނާރާ ދާނީ. މިހާރު ތިލަފަޅަށް ނާރާ ފިނޮޅު މަތިން ދޯނި ދަތުރު ކުރާނީ" ނަދީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ފަޅުތެރޭގައި އޮތް ފިނޮޅު --ފޮޓޯ/ އަބްދުﷲ ނަދީމް
ނަދީމް ވިދާޅުވީ ވެލިނެގުމަކީވެސް އެ ފިނޮޅު ގެއްލެން މެދުވެރިވި ސަބަބެއްކަމަށް ގަބޫލުކުރާކަމަށެވެ. ނަމަވެސް ވެލިނަގަމުން ދަނީ ފަޅުތެރެއިން ކަމަށާއި ފިނޮޅުގެ ތަންކޮޅެއް ދުރުން، ވަކި ހިސާބަކުންކަމަށް ނަދީމް ވިދާޅުވިއެވެ.
"ކުރިން ވެލިނަގަމުން އައީ ގޮނޑުދޮށުން. މިހާރު އީޕީއޭގެ ގަވާއިދަށް ބަލާނަމަ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެއް. އެހެންވެ މިހާރު ވެލިނަގަން ހުއްދަ ދީފައިވާނީ ފަޅުތެރެއިން ވަކި އޭރިއާ އަކުން،" ނަދީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ ފިނޮޅު ގެއްލެން ދިމާވި ކަމަށް ދެން ބެލެވޭ ސަބަބަކީ އެންމެ ފަހުން އައި ބޮޑު ވިއްސާރަކަމަށެވެ.
"އެ ތަނަކީ އަބަދުވެސް ބަދަލުވާ ތަނެއް. ވިއްސާރައިގެ ފަހުން ބޮޑަށް ނެތިގެން ދިޔައީ" ނަދީމް ވިދާޅުވިއެވެ. އެ ފިނޮޅު މިހާރު އެއްވެސް ގޮތަކަށް ފެންނާކަށް ނެތެވެ. އެއްކޮށް ގިރާ ގެއްލިއްޖެއެވެ.
ނަދީމް ވިދާޅުވީ ރަށުގައި ހުރާގަނޑެއްވެސް އޮންނަކަމަށާއި އެހެންނަމަވެސް އެ ހުރާގަނޑުވެސް މިހާރު ފެންނަށް ނެތްކަމަށެވެ. ކުރިންވެސް ހުރާގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން އެންމެ ތިން ގަހަށް ވެފަހުއްޓާ ވިއްސާރައިގެ ފަހުން މިހާރު އެއްކޮށް އެތަން ހަލާކުވެފައިވާކަމަށްވެސް ނަދީމް ވިދާޅުވިއެވެ.
ނޮޅިވަރަންފަރުގެ ފިނޮޅު ގިރި ހާދިސާއާ ގުޅޭގޮތުން އެންވަޔަރެންމެންޓް މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. މިނިސްޓްރީއަށް ގުޅުމުން ވިދާޅުވީ އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިނުވާކަމަށެވެ.
އެހެންނަމަވެސް މިފަދަ ކުދި ކުދި ކަންތައްތަކަކީވެސް މޫސުމީ ގޮތުން ރާއްޖެއަށް ހުރި ނުރައްކާ ވަރަށް ރަނގަޅަށް ތަސައްވުރުކޮށްދޭ ކަމެކެވެ. ހަމަ އެއާއެކު އިންސާނުންގެ ސަބަބުން މިފަދަ ހާދިސާތައް އިތުރުވުމުގެ ފުރުސަތު އޮންނަކަންވެސް ދައްކުވައިދޭ ކަމެކެވެ.