08 Aug 2021, 14:35
މި އަހަރު ގްރޭޑް 9 އަދި 11 ގެ ދަރިވަރުންނަށް ކިޔަވައިދޭނީ ޓެކްސްޓް ފޮތްތައް ޓެބްލެޓުން ބޭނުންކުރާ ގޮތަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ޓެބްލެޓުން ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދިރާސީ އަހަރު ފެށުމުގެ ކުރިން ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރިކަމަށެވެ.
"އަޅުގަނޑުމެން ވާނީ މަސައްކަތްކޮށްފައި ހުރިހާ ދަރިވަރުންނަށްވެސް ޓެކްސްޓް ފޮތްތައް ފޯރުކޮށްދޭން. ވަކި ޝެޑިއުލެއްގެ ދަށުން ދުވަސްތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރީ. ނަމަވެސް އަޅުގަނޑުމެން ބޭރުން ފޮތްތައް ގެންނާތީ ކޮވިޑްގެ ހާލަތާއެކު އެކަމުގައި ލަސްތަކެއް ދިމާވެފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތަކުގެ ހާޑްކޮޕީ ނުލިބޭ ދަރިވަރުންނަށް ސޮފްޓްކޮޕީ މިހާރު ދީފައިވާނެކަމަށެވެ. އެހެންކަމުން ކިޔެވުން ފެށޭއިރު އެއްވެސް ދަރިވަރަކަށް ޓެކްސްޓް ފޮތްތައް ނުލިބި ނުހުންނާނެކަމަށެވެ.
"ޓެކްސްޓް ފޮތްތައް ނުލިބިގެން އެއްވެސް ކުއްޖެއްގެ ކިޔެވުމެއް ނުގެއްލޭނެ،" މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަހުގެ ނިޔަލަށް ހާޑްކޮޕީ ހުރިހާ ދަރިވަރުންނަށްވެސް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު އެޑިއެކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ.