މޮނިޓަރިންގައި ނެތް ރަށްރަށުގެ މިސްކިތްތަކުގައި ނަމާދުގައި ގުނޫތު ނާޒިލާ ކިޔުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އަންގައިފިއެވެ.

އިއްޔެ އެ މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މިހާރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެއާއެކު ދެވުނު ލުއިތަކާއެކު މޮނިޓަރިންގައި ހާލަތު ނެތް ރަށެއް ނަމަ ގުނޫތު ނާޒިލާ ކިޔުން މަޑު ޖައްސާލުމަށް އަންގާކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެފައިވާއިރު އިއްޔެ މާލެ ސަރަހައްދުގެ މިސްކިތްތަކުގައިވެސް ގުނޫތު ނާޒިލާ ކިޔުން މަޑު ޖައްސާލުމަށްވަނީ އަންގާފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކުރުންވެސް މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ރަނގަޅުވަމުން އަންނަ އިރު މިހާރުވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓް ކެފޭތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުން، އަދި ސަރުކާރާއި އަމިއްލަ އޮފީސްތައް ހުޅުވައިގެން މަސައްކަތްކުރަން ހުއްދަދިނުން ހިމެނެއެވެ.