ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭ ސުނާމީ ބިނާ މައިޒާން ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯނުން ޖާގަ ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީގައި ދުއްވުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރުތަކުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އުޅަނދުފަހަރު އަގުނަގައިގެން ޕާކުކުރުމަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނީ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ކާރު، ވޭން އަދި 350 ކިލޯގެ ޕިކަޕަށް ކަމަށެވެ. އަދި ދޫކުރާނީ 20 ޖާގަކަމަށެވެ.

ސިޓި ކައުންސިލުން ބުނީ މި ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ހުޅުވާލާފައި އޮންނާނެކަމަށެވެ.

އެއާއެކު ޖާގައަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ސިޓީއާއިއެކު، އައިޑީކާޑުގެ ކޮޕީ އަދި ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އަދި ވިލިމާލޭގައި ދިރިއުޅޭ ނަމަވެސް ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ފަރާތްތަކުން މިތަކެތީގެ އިތުރުން، ވިލިމާލޭގައި ދިރިއުޅެމުންދާ ފަރާތެއްކަން އެނގޭނެ ފަދަ ސިޓީއެއް ގޭގެ ވެރިފަރާތުގެ ނަމުގައި ހުށަހަޅަންޖެހޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އަދި ސިޓީ ހުށަހަޅަންވާނީ ސިޓީގައި ވިލިމާލޭ ސެކްޝަނުން ސައްހަކަމަށް ކަނޑައަޅާފައިވާ ތައްގަނޑު ޖެހުމަށްފަހުކަމަށްވެސް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކިން ޒޯނުން ޖާގަ ލިބޭ ފަރާތްތައް ކަނޑައަޅާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށެވެ.

ސިޓީ ކައުންސިލުގެ ޕާކިންގް ޒޯނުތަކުން ޖާގަ ދޫކުރާ އަގުތަކަކީ ޓެކްސީ ބޯޑުޖެހި ކާރަށާއި ޕިކަޕުތަކަށް މަހަކު 750 ރުފިޔާ, އަދި އެހެނިހެން އުޅަނދުތަކަށް މަހަކު 1,500 ރުފިޔާއެވެ.

އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި ވަކި ގޮތެއް ކައުންސިލުން ކަނޑައަޅަންދެން އެ އުޅަނދުތަކުން ޕާކިންއަށް ނަގަން ހަމަޖެހިފައިވަނީ މަހަކު 1,000 ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.

ވިލިމާލެއަކީ އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ބައެއް ކަހަލަ އިސްތިސްނާތަކާއެކު ދުއްވުން މަނާ ރަށެކެވެ. އަދި އެރަށުގައި އާންމު ދަތުރުފަތުރަށް ބޭނުންކުރަނީ ބެޓެރީ ސައިކަލާއި ބަގީއާއި ބައިސްކަލު ފަދަ, އިންޖީނު ނާޅާ އުޅަނދުފަހަރެވެ.