21 Feb 2012, 11:08
ފިހާރަތަކާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ބަހައްޓާފައިވާ ދުންފަތުގެ ބާވަތްތަކުގެ އިސްތިހާރުތައް ނަގަން އަނެއްކާ ވެސް ހެލްތު މިނިސްޓްރީން އަންގައިފި އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނަނީ ބައެއް ފިހާރަތަކާއި، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނާއި އެ ނޫން ވެސް އެފަދަ ބައެއް ތަންތާނގައި ދުންފަތް އިޝްތިހާރުގެ ގޮތުގައި ހިމެނޭ ބައެއް ތަކެތި ބޭނުން ކޮށް އެފަދަ ތަކެތި ބަހައްޓާފާއި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭގެތެރޭގައި ދުންފަތުގެ ބާވަތްތައް ތަތްކޮށްފައި ނުވަތަ ބައެއް ބްރޭންޑް ތަކުގެ ޑިޒައިނާއި ލޯގޯ ހިމެނޭ ޑިސްޕްލޭ ތަކާއި، އަޅިކެނޑި އާއި، ދުފާ ތަބަކާއި، ޓިޝޫ ހޯލްޑަރާއި، ބިލު ހަވާލު ކުރުމަށް ބޭނުންކުރާ ފޯލްޑަރު ފަދަ ތަކެތި ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމަކީ ކުށަކަށްވާތީ އެފަދަ އިސްތިހާރުތައް މިހާރު ހުރި ތަންތަނުން ނެގުމަށް އަންގާ ކަމަށް ވެސް ހެލްތުގެ އިއުލާންގައި ވެއެވެ. އަދި ބުނެފައި ވަނީ އެފަދަ އެއްވެސް އެއްޗެއް އަލުން ބަހައްޓައިގެން ވެސް ނުވާނެ ކަމަށެވެ.
ދުންފަތުގެ ވިޔަފާރި ކުރިއަރުވަން އިސްތިހާރުކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ސީދާ ކޮށާއި ނުސީދާކޮށް އެއްވެސް ތަނެއްގައި ބޭނުން ކޮށްގެން އަދި އިސްތިހާރު ކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުން މަނާ ކަމެކެވެ.