08 Aug 2021, 11:33
މާލޭ ސިޓީގެ ބްލޮކްތަކުގެ ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ބްލޮކަތަކުގެ ވެރިން ހޮވުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ބްލޮކް ވެރިންނަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
މި އިންތިހާބުގައި ބައިވެރިވެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުމުގެ އިތުރުން ވަށްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހުރި މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެހެނިހެން ޝަރުތުތައްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައިވަނީ ފާހަގަކޮށްފައެވެ.
ސިޓީ ކަައުންސިލުން ބުނީ މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ފޯމް ބަލައިގަންނާނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމްޑަބްލިޔުއެސްސީ ކަސްޓަމާ ސާވިސް ހަތަރުވަނަ ފަންގިލާ) އިންނެވެ.
ބްލޮކުތަކަށް ވެރިން ހޮވަން ނިންމާފައިވާކަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާނުކޮށްފައިވަނީ މޭ މަހުގެ 24 ވަނަ ދުވަހެވެ.
ބްލޮކް ލީޑަރުން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯއާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބްލޮކްތަކުގެ ވެރިންނަށް ވެރިންނަށް އަދި އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ދޭން ކަނޑައަޅާފައި ނުވި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅުމުން ކޮންމެވެސް އުޖޫރައެއް ދެވޭ ގޮތަށް ބަދަލުކުރުމަކީ ކައުންސިލްގެ އުންމީދެއް ކަމަށް މީގެ ކުރިން މުއިއްޒުވަނީ ވިދާޅުވެފައެވެ.
އަދި އުޖޫރައެއް ނުހިނގި ނަމަވެސް، ގެޒެޓު ކުރެވޭ ގަވާއިދެއްގެ ދަށުން ބްލޮކްތަކުގެ ވެރިންނަށް ކަނޑައަޅާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.