08 Aug 2021, 11:27
މައްކަތުލްމުކައްރަމާ (އޮގަސްޓް 08): ހިޖްރީ އާ އަހަރާއި ގުޅުވައިގެން އުމްރާގެ އަޅުކަމަށް މައްކާގެ މުގައްދަސް ބިންތައް ހުޅުވާލުމަށް ސައޫދީ އަރަބިއާއިން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.
ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ބުނީ މާދަމާއިން ފެށިގެން މަހަކު 2 މިލިއަން މީހުންނަށް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭގޮތަށް މައްކާގެ ބިންތަކާއި މައްކާގެ ބާޒާރުތައް ދުނިޔޭގެ ގައުމުތަކުގެ މުސްލިމުންނަށް ހުޅުވާލައިފި ކަމުގައެވެ. އެންމެ ފުރަތަމަ މިފުރުސަތު ހުޅުވާލާފައިވަނީ ސައޫދީ ގައި އުޅޭ އެގައުމުގެ ރައްޔިތުންނާ އަދި އެގައުމުގައި އުޅޭ ބޭރުގައުމުތަކުގެ މުސްލިމުންނަށް މަހެއްގެ މައްޗަށް 60 ހާސް މީހުންނަށެވެ.
އެހެންނަމަވެސް މިހާރު އުމުރާގެ އަޅުކަމާއެކު މަދީނާގައިވާ މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ މުސްލިމުންނަށާއި ސައޫދީ ރައްޔިތުންނަށާއި އެގައުމުގައި އުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނަށް ވަނީ ހުޅުވާލާފައެވެ.
ނަމަވެސް އުމްރާގެ އަޅުކަންކަން އަދާކުރެވެނީ އަދި މަދީނާއަށް ދެވޭނީ ކޮވިޑް އާ ދެކޮޅަށް ސައޫދީ ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ. އޭގެ ތެރެއިން އުމުރާއަށް ދާ ކޮންމެ މީހަކީ ކޮވިޑްއާ ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހަކަށް ވުން ހިމެނެއެވެ.
ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އުމުރާވެރިން ސައޫދީ އެތެރޭގައި ކުރާ ދަތުރުތައްވެސް ކުރެވޭނީ ގައިދުރުކޮށެވެ. ބަހަކަށް އަރާނަމަ އެބަހުން ދަތުރުކުރެވޭނީ ބަހުގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި މީހުންނަށެވެ. މީގެއިތުރުން މާސްކް އެޅުމަކީ މަޖްބޫރު ކަމެކެވެ. އުމުރާގެ އަޅުކަމަށް އެދެވޭނީ އެކަމަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ.
މާދަމާއިން ފެށިގެން އުމްރާގެ އަޅުކަމަށް މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅު ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ. މީގެތެރޭގައި ދެ ހަރަމްފުޅާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދުތައް ސްޓްރެލައިޒް ކުރުމާއި ސެނެޓައިޒާތައް ބެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި އުމުރާވެރިން ސިއްހަތާބެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބެލުމުގެ މަސައްކަތްވެސް ކެމެރާތައް ބޭނުންކޮށްގެން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު އުމްރާގެ އަޅުކަމަށް ބޭރުގައުމުތަކުން މީހުން ދިޔުމުގެ ފުރުސަތު ސައޫދީ ސަރުކާރުން ދީފައެއް ނުވެއެވެ. ނަމަވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ސައޫދީގެ އެތެރެއިން މައްކާގެ ހަރަމްފުޅަށް މަދު އަދަދެއްގެ މީހުން ވަނުމުގެ ފުރުސަތު ކޮންމެ ދުވަހަކުވެސް ދެމުން ގެންގޮސްފައިވެއެވެ.