ކުޅިވަރު ކުލަބުތަކާއި ބޮޑެތި ޖަމިއްޔާތަކުގެ އިސްވެރިން އަބަދުވެސް ބުނާ އެއްވާހަކަ އަކީ އެއްވެސް ކުޅުންތެރިއަކީ ކުލަބެއް، އަދި ވަކި ކުޅިވަރަކަށް ވުރެން ބޮޑު ކުޅުންތެރިއެއް ނޫންކަމެވެ.

ކަންވާން ޖެހޭނީ ވެސް އެގޮތަށެވެ. އެކަމަކު ބައެއް ސަޕޯޓަރުންނަކީ ކުލަބެއް ވުރެން ވަކި ކުޅުންތެރިއެއް ދެކެ މާ ބޮޑަށް ލޯބިވާ ބައެކެވެ. އެހެން ކަމުން އެފަދަ ކުޅުންތެރިން ކުލަބު ދޫކޮށްލުމުން ސަޕޯޓަރުން ވެސް އެކުޅުންތެރިޔާގެ ފަހަތުން ދަނީއެވެ. ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުލަބު ބާސެލޯނާއަށްވެސް މިވަގުތު އޮތީ މިފަދަ ވަރުގަދަ އިމްތިހާނެއް ކުރިމަތިވެފައެވެ.

ވޭތުވެ ދިޔަ 20 ވަރަކަށް އަހަރުތެރޭ ބާސެލޯނާގެ އެންމެ ދަށުން ފެށިގެން އަރައި، އަރަ ފޯދެމުން އައިސް އެކުލަބުގެ ތާރީހުގައި ވެސް އެންމެ މުހިންމު ކުޅުންތެރިޔާގެ ޝަރަފް ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާގެ އެންމެ ލޯބިވާ ކުލަބާ ދުރަށް ދާން ޖެހުމަކީ ގިނަބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

ބާސެލޯނާއާ އެކު އެތައް އެތައް ރެކޯޑެއް ހަދައި، މުޅި ދުނިޔޭގެ ލޯބި ހޯދި މެސީ އެކުލަބު ނޫން އެހެން ކުލަބެއްގައި ދުވަހަކުވެސް ކުޅެފާނެ ކަމަކަށް ގަބޫލެއް ވެސް ގިނަބަޔަކު މީގެ ކުރިން ނުކުރެއެވެ.

އެހެން ނަމަވެސް ހާލަތާއި ވަގުތު ކަންދިމާކުރި ގޮތުން މެސީ ބާސެލޯނާގައި ދެން މަޑުނުކުރާނެއެވެ.

މެސީ ލައްވާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާއަށް ބޮޑުވެފައިވުމެވެ. އަދި ޔޫރަޕިއަން ސުޕަ ލީގުގައި ބާސެލޯނާ ދެމި އޮންނަން ނިންމި މައްސަލައިގައި ލަލީގާ އިން ވެސް އޮތީ ބާސެލޯނާއަށް އެއްވެސް ކަމެއްގައި ދުލެއް ދޭ ގޮތަކަށް ނޫނެވެ.

އެއާ އެކު ބާސެލޯނާ އިން ލިއޮނަލް މެސީ ލައްވާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކުރި ހުރިހާ މަސައްކަތެއް ވެސް ކާމިޔާބު ނުވެ، އެންމެ ފަހު ވަގުތު ހިތާ ދެކޮޅަށް ވިޔަސް ޖެހުނީ މެސީ ދޫކޮށްލަން ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ބުނެފައެވެ.

ބާސެލޯނާ އިން މެސީގެ ކޮންޓްރެކްޓް އާ ނުކުރެވޭނެކަން ރަސްމީކޮށް އިއުލާނުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މެސީ ހޯދުމުގެ މަޝްވަރާތައް ޕީއެސްޖީން ވަނީ ފަށައިފައެވެ. އެއާއެކު މެސީ ވެސް ޕީއެސްޖީއަށް ފެހި ސިގްނަލް ދީފައިވާ ކަމުގެ އަޑުތައް ގަދަވަމުން އަންނަ އިރު، މެސީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މި ފަށާ ސީޒަނުގައި ފެނުމަކީ މިވަގުތު އޭނާގެ ސަޕޯޓަރުންގެ ބޮޑު އުންމީދެކެވެ.

އެންމެ ބޮޑު އެއް ސަބަބަކީ ޕީއެސްޖީގައި މެސީގެ ކުރީގެ ޓީމް މޭޓް އަދި ގާތް ރަހުމަތްތެރިޔާ ނޭމާ ޖޫނިއާ ހުރުމެވެ. މި ދެކުޅުންތެރިން އެކުގައި ކުޅުމަށްފަހު ޓީމް ބަދަލުވުމުން ވެސް އޮންނަނީ ގާތް ގުޅުމެކެވެ.

ކޮންމެއަކަސް މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ މެސީ ޕީއެސްޖީއަށް ގޮސްފި ނަމަ ބާސެލޯނާގެ ސަޕޯޓަރުންނަށް ވާނީ ކިހިނެތްތޯއެވެ. އެވެރިން ކުލަބު ބަދަލުކުރާނީތޯ ނޫނީ ބާސެލޯނާގައި ސާބިތުކަންމަތީ ތިބޭނީތޯ އެއީ ސަޕޯޓަރުން ނިންމަން ޖެހޭނެ އުނދަގޫ ނިންމުމެކެވެ.

މީގެ ތިން އަހަރެއްހާ ކުރިން ރެއާލް މެޑްރިޑްގައި އެތައް ކާމިޔާބީތަކެއް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަ އަހަރަށް ފަހު އެކުލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ދިއުމުން ވެސް ވަނީ މިކަހަލަ ހާލަތެއް ކުރިމަތިވެފައެވެ. އޭރު ރެއާލަށް ސަޕޯޓް ކުރި ގިނަ ސަޕޯޓަރުންތަކެއް އޭނާގެ ފަހަތުން ގޮސް ޔުވެންޓަސްގެ ސަޕޯޓަރުންނަށް ބަދަލުވީއެވެ.

ބަލަނީ ހަމައެކަނި ޔުވެންޓަސް މެޗުތަކެވެ. ގަންނަނީ ޔުވެންޓަސް ޖާޒީތަކެވެ. އެހެން ނަމަވެސް ރެއާލުގައި އޭރުވެސް މިހާރުވެސް ދެގޮތެއް ނުވެ ތިބި "ހާޑްކޯ" ސަޕޯޓަރުން އަދިވެސް މިލިއަނުން އެބަތިއްބެވެ.