21 Feb 2012, 10:37
އައްޑޫގައި މި މަހުގެ އަށްވަނަ ދުވަހު ހިނގައިދިޔަ ކަންތައްތަކުގައި ކައުންސިލްގެ މެންބަރުން ބައިވެރިވި ކަމަށް ބުނެ ބައެއް ކައުންސިލަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލް ބަދުނާމުކޮށް އެ ކައުންސިލުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާތަކަށް ހުރަސް އަޅަން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ކޮންމެ ސަރުކާރެއް އައި ނަމަވެސް ކައުންސިލްގެ ފުރިހަމަ ޒިންމާ އަދާކުރުމަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ތަންތަނުގައި ހުޅުޖަހައި ދައުލަތުގެ މުދަލަށް ގެއްލުންދިންކަމުގެ ބަދުނާމު ކައުންސިލަރުންގެ ބޮލުގައި އަޅުވާ ކައުންސިލަރުން ހައްޔަރު ކުރަނީ ކައުންސިލަރުންގެ މައްޗަށް ހުކުމެއް ކުރުމަށް ކަމަށެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމައް ވެސް މޭޔަރު ވިދާޅުވި އެވެ.
"މިތަނުގައި މިއޮތީ [އައްޑޫގައި] ކައުންސިލް. މިއީ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އުފެދިފައި އޮތް ކައުންސިލެއް. ރަނގަޅު ޔުނިޓަރީ ދައުލަތެއްގައި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އޮތް ކައުންސިލެއް އަޅުގަނޑުމެންނަކީ. ކޮންމެ ގޮތެއް ވެގެން ސަރުކާރު ބަދަލުވެގެން ދިޔައަސް އަޅުގަނޑުމެންގެ ކައުންސިލު ހިންގުމުގެ ޖާދަ ދޭން ޖެހޭނެ. އެ ޖާގަ ސަރުކާރުން ވެސް އަދި ސަލާމަތީ ބާރުތަކުން ވެސް ދޭންޖެހޭނެ. މިހާރު އެކުރާ ކަމަކީ ކައުންސިލަށް އެ ފުރުސަތު ނުދީ ކައުންސިލްގެ މެންބަރުން ކުށްވެރިކޮށް އެ މެންބަރުންގެ މައްޗަށް ހުކުމްކޮށް އެކަން ކުރުން. އެއީ ވަރަށް ބޮޑު ކުށްހީއެއް. އެކަން އެ މަގުން ނުވެސް ކުރެވޭނެ،" ސޯބެ ވިދާޅުވި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި ކޯޓުތައް އަންދާލި މައްސަލައިގައި ހަތަރު ކައުންސިލަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. ޑެޕިއުޓީ މޭޔަރު އަދިވެސް ހުންނެވީ ގޭ ބަންދުގަ އެވެ. އަދި އެއް ކައުންސިލަރަކު ހުރީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ސޯބެގެ ގައިގާ ބަޔަކު ތަޅައިގަނެ ވަނީ މާރާމާރީ ހިންގާފަ އެވެ. އެ މާރާމާރީގައި ސޯބެއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭނާ ވިދާޅުވީ އަށްވަނަ ދުވަހުގެ ބޭއްވި ސުލްހަވެރި މުޒާހަރާގައި އައްޑޫ ކައުންސިލުން ވެސް އަދި ކައުންސިލްގެ މެންބަރުން ވެސް ބައިވެރިވި ކަމަށާއި މުޒާހަރާގެ ތެރެއަށް ގްރޫޕަކުން ވަދެގަނެ ހަމަނުޖެހުން ހިންގި ހިސާބުން ކައުންސިލަރުން މަސައްކަތްކޮށްފައިވަނީ އެކަން ހުއްޓުވަން ކަމަށެވެ.
"އެއްވެސް ކައުންސިލަރަކު އެކަމުގައި [ހުޅު ޖެހުމުގައި] ބައިވެރިއެއް ނުވޭ. ކައުންސިލަރުން ބައިވެރިވީ ސުލްހަވެރި މުޒާހަރާއެއްގައި. އެކަމަކު ގްރޫޕަކުން ވަދެ ގަނެ މުޅި މުޒާހަރާ ކޮންޓްރޯލުން ނެއްޓި ހިސާބުން ކައުންސިލަރުން މަސައްކަތް ކުރީ އެކަންތައްތައް ހުއްޓުވަން. އެކަމުގެ ތެރޭގައި އަޅުގަނޑުމެންގެ ކައުންސިލަރެއްގެ ބޯ ފަޅައިގެން ގޮސް ބައެއް ކައުންސިލަރުންނަށް އަނިޔާވެސްވެފައި ވަނީ. އަޅުގަނޑުމެންގެ ކައުންސިލަރުން އެކަމުގައި ބައިވެރިއެއް ނުވޭ،" ސޯބެ ވިދާޅުވި އެވެ. "މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ދެން ހިނގާ ކަންތަކަށް ކައުންސިލުން ޒިންމާވާކަށް ނުޖެހޭނެ. ކައުންސިލުން ބައިވެރިވީ ސުލްހަވެރި މުޒާހަރާއެއްގައި،"
އަށް ވަނަ ދުވަހު އެމްޑީޕީގެ މުޒާހަރާ ކޮންޓްރޯލުން ނެއްޓިއިރު ސޯބެ ވިދާޅުވާ ގޮތުން އޭނާ އެވަގުތު ހުންނެވި ކައުންސިލް އިދާރާގަ އެވެ. އެދުވަހުގެ ބަޔަކު ހިންގި ހަރަކާތްތަކުގެ "ޝިކާރަ" އަކަށް ސޯބެ ވެސް ވަނީވެފަ އެވެ. އެދުވަހު އޭނާގެ ގައިގާ ތަޅައިގަނެ ބަޔަކު ވަނީ އޭނާގެ އެއް އަތް ބިންދެލައި ހަށިގަނޑު އެކި ތަންތަނަށް ގެއްލުންދީފަ އެވެ. އޭނާ ވިދާޅުވީ އެވަގުތު ވެސް ސިފައިންނާ ފުލުހުންގެ ކިބައިން ދައުލަތުގެ މުދާ ހިމާޔަތް ކުރެއްވުމަށް ދެންނެވި ކަމަށެވެ.
"އެބޭފުޅުންނަށް އަޅުގަނޑު އެހާލަތުގައި ވެސް ދަންނަވަމުން ގެންދިޔައިން ދައުލަތުގެ މުދާ ހިމާޔަތް ކުރަން އެބަޖެހެއޭ. ފުލުހުން ވިދާޅުވީ އެބޭފުޅުންނަށް އެއްވެސް ކަމެއް ކުރެވެން ނެތް ވާހަކަ. އަދި އެމްއެންޑީއެފްއިން ގަން އެއާޕޯޓް ހިމާޔަތް ކުރައްވަން ވަޑައިގެންފިކަމުގެ ވާހަކަ ވިދާޅުވި،" ސޯބެ ވިދާޅުވި އެވެ. "އަޅުގަނޑު ވެސް ހޮސްޕިޓަލުން ފަރުވާ ހޯދައިގެން ނުކުމެ ފުރަތަމަ އުޅެންޖެހުނީ އަމިއްލަ ރައްކަލަށް އެކި ތަންތަނުގައި ފިލައިގެން. އޭގެ ފަހުން ފުލުހުންނަށް ގުޅިގެން ފުލުހުންގެ ރައްކާތެރިކަން މިލިބެނީ."
މޭޔަރު ވިދާޅުވީ އައްޑޫގައި ބަޔަކު ހިންގި ކަންތައްތަކުގައި ސަލާމަތީ ބާރުތަކުގެ ޒިންމާއެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ސިފައިންނާ ފުލުހުންނަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ ދައުލަތުގެ މުދާ ރައްކާތެރިކަން ކުރުމަށް އެމީހުންގެ މައްޗަށް ވާޖިބުވާ ބައެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރައްޔިތުންގެ ކަންތައްތައް ކުރަން ހޮވާފައި ތިބޭ ބައެއް. އަޅުގަނޑުމެން އެބޭފުޅުންނަށް ދެންނެވީމައި އެ ހިދުމަތްތައް ފޯރުކޮށް ނުދެވުނު ނުދެވުން އެއީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރަނީ އިހުމާލެއްވެފައި އޮތް ކަމަށް،" ސޯބެ ވިދާޅުވި އެވެ.
އަދި އެކަން ތަހުގީގު ކުރަންޖެހޭނެ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ. އަދި އިހުމާލުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ ކަމައްވެސް އޭނާ ގަބޫލުފުޅު ކުރައްވަ އެވެ.
އައްޑުއަށް ބަޔަކު ގެއްލުންތަކެއް ދިނުމުގައި މިހާރުގެ ސަރުކާރުގެ އަތެއް އޮތްކަމަށް ވެސް މޭޔަރުވަނީ ތުހުމަތުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އައްޑޫ އޮތީ އަދިވެސް ބިރުވެރިކަމެއްގައި ކަމަށާއި ނަމަވެސް އައްޑޫގެ ކުރީގެ ހާލަތަށް އެނބުރި ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.
"އަދި އިހުނައްވުރަ ރަނގަޅަށް އަޅުގަނޑުމެން އެއްބައިވެގެން މަސައްކަތް ކުރާނަން. އެ ޔަގީންކަން އަޅުގަނޑު ދެން. އައްޑުއަކީ އަމާން އޮމާން ތަނަށް ހަދަން،" އެމްޑީޕީއަށް ނިސްބަތްވާ މޭޔާ ސޯބެ ވިދާޅުވި އެވެ. "ހުރިހާ ބޭފުޅުން ވެސް އައްޑޫގެ ތެރައްގީއަށް މަސައްކަތް ކުރަންވީ. މިއީ ތަންތަން ރޯކޮށް އަނިޔާވެރިވާންވީ ވަގުތެއް ނޫން. ކޮންމެ ބަޔަކުވެސް ގާނޫނާ ގަވާއިދުގެ ތެރެއިން އަނެކާގެ ހައްގަށް އިހުތިރާމްކޮށްގެން ކަންތައްތައް ކުރުން މުހިންމީ،"
އައްޑޫ އަނެއްކާވެސް ވަކިވެ ގަންނަން އުޅޭ އަޑުތަކަށް ރައްދުދެއްވާ ސޯބެ ވިދާޅުވީ އެއީ ބަޔަކު އައްޑޫގެ ރައްޔިތުން ބަދުނާމު ކުރުމަށް ދައްކާ ވާހަތަކެއް ކަމަށާއި ދިވެހި ރައްޔިތުންގެ ގޮތުގައި ތިބުމަށް އައްޑޫ މީހުން ފަހުރުވެރިވާ ކަމަށެވެ.
"ވަކިވެގެން ކީއްތޯ ކުރާނީ. ވަކިވެގެން ކުރެވޭނެ ކަމެއްވެސް ނެތް. އަޅުގަނޑުމެންނަކީ ކުޑަބައެއް،" ސޯބެ ވިދާޅުވި އެވެ.