14 Jul 2010, 10:53
14:30
ނަމްބަރުގެ ވެރި ފަރާތަށް ނޭނގި ތަފާތު ވެބްސައިޓްތައް މެދުވެރިކޮށް މީހުންނަށް މަރުގެ އިންޒާރުދީ އެސްއެމްއެސް ފޮނުވަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާކުރަމުން އެބަދެ އެވެ.
އެ މައްސަލަ ދިމާވެފައިވާ މީހެއް ކަމަށްވާ އާޔަތުﷲ ހުސެއިން މިއަދު ބުނީ އޭނާގެ ނަމްބަރު ބޭނުންކޮށްގެން ގއ. ގެމަނަފުށީ ކައުންސިލަރަށް މަރުގެ އިންޒާރުދީ މި މަހުގެ 26 ވަނަ ދުވަހު ކައުންސިލަރުގެ ޖަނާޒާ ބާއްވާނެ ކަމަށް ބުނެ ހަޑިހުތުރު ބަހުން ތަފާތު އިންޒާރުދީ މެސެޖް ފޮނުވާފައިވާ ކަމަށް ބުނެ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އާޔަތުﷲގެ ނަންބަރުން، އޭނާގެ ރައްޓެހިންނަށް ވެސް އެފަދަ މެސެޖްތަކެއް ފޮނުވާފައިވާ ކަމަށް ބުނެ ރަށްޓެހިން ޝަކުވާކޮށްފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ. އާޔަތުﷲ ބުނީ އޭނާގެ ނަމްބަރުން އެފަދަ މެސެޖެއް މީހަކަށް ފޮނުވިކަން ވެސް އެނގުނީ ކައުންސިލަރަށް އެ މެސެޖް ލިބިގެން މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުސް އޮފީހަށް އޭނާ ގެންދިއުމުން ކަމަށެވެ.
އާޔަތުﷲ ބުނީ މިހާރު އެމައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށާއި އެމްއެންޑީއެފަށާއި އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ބަލަމުންދާ އެމައްސަލަ ނިމުމުން ފުލުހުންނަށް ވެސް އެމައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އެކަން ހިނގާފައިވާ ގޮތް އާޔަތުﷲ ކިޔައިދިނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލެއް ކަމަށްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަރުގެ އިންޒާރުދީފައިވާ އެސްއެމްއެސް އެއް ފޮނުވައިގެން މީހަކު މައްސަލަ ފުލުހުންނަށް ހުށަހަޅަފައިވާ ކަމަށާއި އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް މައްސަލައިގެ ބާވަތުން ޔަގީން ކޮށްދެވެން ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެމައްސަލަ މިހާރު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ބަލަމުން އަންނާތީ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
އެހެން މީހުންގެ ނަންމަތީ އެސްއެމްއެސް ފޮނުވާ މައްސަލައާ ގުޅިގެން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނާސިހް ވިދާޅުވީ އަމިއްލަ ފަރާތަކުން އެ މައްސަލަ އެ އޮތޯރިޓީ އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެސްއެމްއެސް އާންމުކޮށް ފޮނުވެން އޮންނަނީ ދެ ގޮތް ކަމަށާއި އެއީ އާންމުކޮށް ފޮނުވާ ގޮތަށް ނެޓްވޯކް މެދުވެރިކޮށް ނުވަތަ ވެބް އެސްއެމްއެސް މެދުވެރިކޮށް ކަމަށް ނާސިހް ވިދާޅުވި އެވެ. ނާސިހް ވިދާޅުވީ މިހާރު ބައެއް ކަހަލަ ސޮފްޓްވެއާތަށް ބޭނުންކޮށްގެން އެހެން މީހުންގެ ނަންމަތީ އެސްއެމްއެސް ފޮނުވޭ ކަމަށާއި އެހެން ނަމަވެސް އެކަމާ ބެހޭ މާ ބޮޑު މަޢުލޫމާތެއް އެ އޮތޯރިޓީ އަށް ވެސް އެނގިފައިނުވާ ކަމަށެވެ.
ނާސިހް އިތުރަށް ވިދާޅުވީ އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބްގެ ތެރޭ މީޑިއާތަކުން ނަގަން ފެށި ޚިޔާލު ހޯދުމުގެ ވޯޓްތަކުން ކަމަށެވެ. އަދި އޭގެ ފަހުން އެ މައްސަލަ ކުރިމަތިވެގެން ރަސްމީކޮށް މައްސަލަ އެއް ހުށަހަޅާފައި ވަނީ މިފަހަރު ކަމަށް ވެސް ނާސިހް ވިދާޅުވި އެވެ.
މިއަހަރުގެ ކުރީކޮޅުވެސް ވަނީ ބައެއް ފަރާތްތަކަށް އަމިއްލަ ނަމްބަރުން ނޭނގި އެހެން މީހުންނަށް އެސްއެމްއެސް ކުރި މައްސަލަތަކެއް ދިމާވެގެން ބައެއް ފަރާތްތަކުން ޝަކުވާކޮށްފަ އެވެ.