ހުޅުމާލޭގައި އަޅަން ނިންމާފައިވާ ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތުގައި ނުލިބި ހުރި ފައިސާ ހޯދުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގުރޫޕުން ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ގައި އަޅަން ނިންމާފައިވާ 25 ބުރީގެ އާ އިމާރާތުގެ މައްސަލައިގައި އެ ކުންފުނިން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފައިވަނީ އެ އިމާރާތުގެ މަސައްކަތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުންކަމަށް މެލޭޝިއާގެ ނޫހެއްކަމުގައިވާ ނިއު ސްޓްރެއިޓް ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެޗްޑީސީއާ ދެކޮޅަށް ދައުވާ ކުރަނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ނުދީ ހުރުމުންކަމަށް އެ ކުންފުނިން ބުނެއެވެ.

މި މައްސަލަ އާބިޓްރޭޝަނަށްލީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އާބިޓްރޭޝަނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށްކޮށްފައިވާ މަސައްކަތަށް ފައިސާ ދެއްކުމަށް ސަރުކާރަށް އަމުރުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް ސަރުކާރުން އެ ފައިސާ ދައްކާފައެއް ނުވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ ފަރާތްތަކާއި ވާހަކަދައްކާ މަޝްވަރާކުރުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އަދި އެ މަސައްކަތަށް އެއްވެސް ކާމިޔާބެއް ލިބިފައިނުވާކަމަށެވެ.

މީގެ ކުރިން މެލޭ މެއިލްއިން ވަނީ އެ މަޝްރޫގެ 20 ޕަސެންޓް ނިމި، ޕައިލިން މަސައްކަތުގެ 60 ޕަސަންޓް ވަނީ ނިމިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެ މަސައްކަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށް އެނޫހުންވެސް ވަނީ ކުންފުންޏާއި ހަވާލާދީ ރިޕޯޓްކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ، ވީޒެޑްއާރު ގުރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗު މަހެވެ.

އަދި އޭގެ ފަހުން އެ މަޝްރޫއުގެ އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއި ކުރީ، 123 މިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު މާޗު މަހެވެ.

އެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިިނިސްޓްރީ މިހާރު ހުރިތަނާ އިންވެގެން އޮންނަ ހުސްބިމުގައެވެ.

އެކަމަށްޓަކައި ބިން ސާފުކޮށް އިމާރާތް އަޅަން ތައްޔާރުވުމަށް ފަހު، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އިމާރާތް މާލޭގައި ނާޅައި ހުޅުމާލޭގައި އަޅައި ގޮތަށް ނިންމިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ފަރާތުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.