07 Aug 2021, 21:34
ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުކުރާ ފަރާތް ތަކަށް އަންނަ މަހުން ފެށިގެން ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭ ތަކުން ހިދުމަތް ހޯދަން ނުވަދެވޭ ފަދަ އުސޫލެއް ނެރެން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށް އެ އުސޫލު ނެރޭނެ ކަމަށެވެ.
"މިފަދަ ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ޖެހުނީ މުޖުމަތައު ތެރޭގައި އުޅޭ އެހެން މީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަަކައި،" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރުމަށް ބާރު އެޅުމުގެ ގޮތުން އަންނަ މަހުން ފެށިގެން އިތުރު ފިޔަވަޅު ތަކެއްވެސް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުން ޕަބްލިކް ޓްރާންސްޕޯޓާއި ފެރީގެ ހިދުމަތުގެ އިތުރުން ޖިމް ތަކާއި ސެލޫންތަކަށް ވަދެ ހިމުމަތް ހޯދުން މަނާ ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން ފެށިގެން. ވެކްސިން ނުޖަހާ މީހުންނަށް އެ ދުވަހުން ފެށިގެން މާލޭގެ އިތުރުން ރަށްރަށުގަ ހިންގާ ކެފޭ ރެސްޓޯރެންޓް ތަކަށް ވަދެގެން ހިދުމަތް ހޯދުންވެސް މަނާ ވާނެ. އަދި ޑޮމެސްޓިކް ފްލައިޓް ދަތުރުތަކާއި ޖިމްތަކާ ސެލޫން ފަދަ ތަންތަނުން ހިދުމަތް ދިނުން މަނާ ވާނެ. ހަމައެހެންމެ އޮފީސްތަކަށް ގޮސް ވަޒީފާ އަދާކުރުން ވެސް މަނާވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކެފޭ، ރެސްޓޯރަންޓުތަކަށް ޚިދުމަތް ހޯދަންދާ މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއްކަން ޔަގީންކުރުމަކީ އެ ޚިދުމަތެއްދޭ ތަނެއްގެ ޒިންމާއެއް ކަމަށް ވެސް ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.
ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަންނަ މަހު އެކަކުން ފެށިގެން ސްކޫލްތަކަށް ވަނުންވެސް ވަނީ މަނާ ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 280،353 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 327،579 މީހުން ނެވެ.
ރާއްޖެއިން މިހާތަނަށް ބަލި ޖެހިފައިވަނީ 78،130 މީހުންނަށެވެ. މީގެ ތެރެއިން ބަލި ފަސޭހަވީ 75،353 މީހުންނެވެ.
މިވަގުތު ހޮސްޕިޓަލް ތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ 24 މީހަކަށެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވީ 222 މީހުންނެވެ.