21 Feb 2012, 10:41
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ޓްރެއިނިން ޕްރޮގްރާމެއް މިއަދު ފައްޓައިފި އެވެ.
ޓްރޭޑާސް ހޮޓަލުގައި ފެއްޓި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެއް ކަމަށާއި ކުރިއަށް އޮތްތާގައި މިފަދަ ޕްރޮގްރާމްތައް އިތުރުކޮށް، ކުރިއަށް ގެންދިޔުމަކީ މުހިއްމުކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓާޓޯ) އަދި ބްރިޓިޝް ހައި ކޮމިޝަން ގުޅިގެން ބްރިޓިޝް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެކުއިރިޓީ އޮފީސް (ނެކްޓްސޯ) އިން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ މަގުސަދަކީ ކާރިސާއެއް މެދުވެރިވުމުން އެކަމާ ބެހޭ އެންމެހާ ފަރާތްތަކުން އަމަލުކުރާނެ ގޮތެއް ރޭވުންތެރިކަމާ އެކު އިންތިޒާމް ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި 131 މީހަކު ބައިވެރިވެ އެވެ. އެ ޕްރޮގްރާމް ކުރިއަށް ދާނީ ތިން ގަޑިއިރުގެ ދެ ސެޝަނަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޓްރެއިނިން ޕްރޮގްރާމުގައި ޓޫރިޒަމް އިންޑަސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އާއި ހެލްތް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓް ފަދަ ކަމާ ބެހޭ ޖަމިއްޔާތަކުން ބައިވެރިވެ އެވެ.