07 Aug 2021, 15:40
ކޮވިޑާ ގުޅިގެން މާލީގޮތުން އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިން ގޮތުގެ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނުމުގައި އުޅުނު މީހުން އޮޅުވާލައިގެން އިކަމް ސަޕޯޓް އެލަވަންސް ހޯދި މައްސަލައާ ގުޅިގެން ބޮންޑޭ މިއަދު "ސަން"އަށް ވިދާޅުވީ ނަޝީދަށް ހަމަލާދިނުމަށް ފަންޑު ކުރި މީހުން ހޯދުމަށް އިންކަމް ސަޕޯޓް އެލަވަންސްދިން ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް އިންކަމް ސަޕޯޓު އެލަވަންސާއި ކޮވިޑާ ގުޅިގެން އެސްއެމްއީ ލޯންތައް ދޫކޮށްފައިވާ ފަރާތްތައް އެނގެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އިންކަމަ ސަޕޯޓާއި އެކީ ކޮވިޑްގެ އެކި ކަންކަމަށް ދޫކޮށްފަހުރި ހުރިހާ ލޯނުތައް ދޫކުރި ފަރާތްތަކާއި އަދި ލިބުނު ގޮތާއި މިހުރިހާ މައުލޫމާތެއް ލިބެންޖެހޭ،" ބޮންޑޭ ވިދާޅުވިއެވެ.
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުން އިންކަމް ސަޕޯޓް އެލަވަންސް ހޯދީ ސައްހަ ނޫން ޑޮކިއުމެންޓްތަކެއް ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް އެމީހުން ގަބޫލުކުރާގޮތުގައި ދައުލަތުން ދޭ މުސާރަ ނަގާ މީހުންގެ ލެޔާއި މުދާ ހުއްދަކަމަށް ރިޔާޒް ވިދާޅުވިއެވެ.